މިދިޔަ މަހުގެ ފަހުކޮޅު ސްރީ ލަންކާ އަށް އެރި 'ދިތުވާ' ތޫފާންގެ ސަބަބުން ގެއްލުންތައް ލިބުނު އާއިލާތަކަށް ސަރުކާރުން ދޭން ނިންމާފައިވާ މާލީ އެހީ މި މަސް ނިމުމުގެ ކުރިން ދޭން އަމާޒު ހިފައިފި އެވެ.
މިކަމާ ގުޅޭ ގޮތުން ކަމާބެހޭ ސަރުކާރުގެ އިދާރާތަކުން ވަނީ މަޝްވަރާ ބައްދަލުމެއް ވެސް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކެ ވަނީ ވީހާ ވެސް އަވަހަކަށް އެހީގެ ކަންކަން ހަމަޖައްސައި މި މަސް ނިމުމުގެ ކުރިން އެހީ ފޯރުކޮށް ދީ ނިންމަން އަންގަވައިފަ އެވެ.
އާއިލާތަތަކަށް ދޭން ނިންމާފައިވާ އެހީގެ ތެރޭގައި ގެތަކަށް ލިބުނު ގެއްލުންތައް މަރާމާތު ކުރަން ދޭން ނިންމާފައިވާ އެހީ އާއި ގެތަކަށް ބޭނުންވާ ގެވެހި ތަކެތި ގަންނަންދޭ އެހީތަކުގެ އިތުރުން ސްކޫލްތަކަށް ދާ ކުދިން ތިބި ގޭބިސީތަކަށް ދޭން ނިންމާފައިވާ އެހީ ހިިމެނެ އެވެ.
މި އެހީތައް ދޭން ނިންމާފައި ވަނީ އެކަމާ ގުޅޭ ގޮތުން ފުރިހަމަ އެސެސްމަންޓަކަށް ފަހު އެވެ.
"ރީބިލްޑިން ސްރީ ލަންކާ" ޕްރޮގްރާމްގެ ދަށުން ވަނީ ތޫފާނުގައި ގެއްލުން ލިބުނު އެކި ފަރާތްތަކަށް އެހީ ދޭން ނިންމައިފަ އެވެ. އޭގެ ތެރޭގައި މަސްވެރިންނާއި ދަނޑުވެރިންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ވެސް ހިމެނެ އެވެ.
ލަންކާގެ ރައީސް ވިދާޅުވީ އެހީގެ މި ޕްރޮގްރާމް ކުރިއަށް ގެންދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި އެހީ ފޯރުކޮށް ދެވެނީ އެއަށް އެންމެ ބޮޑަށް ޖެހިފައިވާ ފަރާތްތަކަށް ކަން ވެސް ކަށަވަރު ކުރެވޭނެ ކަމަށެވެ.
ލަންކާ އެރި ތޫފާނުގައި ފެންބޮޑޮވުމުގެ އިތުރަށް ބިންގަނޑު ކަނޑައިގެން ދިއުން ފަދަ ހާދިސާތަކުގައި ބޮޑެތި ގެއްލުންތަކެއް އެ ގައުމަށްވެފައިވެ އެވެ. ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓާ (ޑީއެމްސީ) އިން ބުނެފައިވާ ގޮތުގައި ތޫފާންގެ އަސަރު ސީދާކޮށް 12 މިލިއަން މީހުންނަށް ކޮށްފައިވެ އެވެ. އަދި ތޫފާނުގައި 153 މީހަކު މަރުވެ، އެތައް ބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައި ވެސް އެވެ.
ލަންކާގެ ސަރުކާރުން ބުނެފައިވާ ގޮތުގައި ތޫފާނުގައި އެ ގައުމަށް ލިބުނު ގެއްލުމުގެ އަގު 7 ބިލިއަން ޑޮލަރަށް އަރަ އެވެ. މި ކާރިސާއާ ގުޅިގެން ބައިނަލްއަގުވާމީ ދުނިޔޭގެ އެހީ ވެސް ލަންކާ އަށް ވަރަށް ބޮޑަށް ލިބިފައިވެ އެވެ.