އިނގިރޭސިވިލާތުގެ ކުރީގެ ބޭންޑް، "ވަން ޑިރެކްޝަން" އިން މަޝްހޫރުވި ލަވަކިޔުންޔެރިޔާ ހެރީ ސްޓައިލްސް އާއި އެމެރިކާގެ ބަތަލާ ޒޯއީ ކްރަވިޒް އެންގޭޖްވެފައިވާކަމުގެ އަޑުތަކެއް އަރައިފި އެވެ.
މިޑިއާތަކުން މި ވާހަކައެއް ތިލަކޮށްގެން އުޅެނީ ޒޯއީގެ އަތުން އަގު ބޮޑު ރަން އަނގޮޓިއެއް ފެނުމާ ގުޅިގެންނެވެ. އެހެންވެ މިކަން ގުޅުވާފައި ވަނީ އެންގޭޖްމަންޓާ އެވެ. ނަމަވެސް މިކަން ކަށަވަރު ނުކުރެވޭ ކަމަށް މީޑިއާތަކުން ބުނެ އެވެެ.
އެކަމަކު ޒޯއީ އާއި ހެރީ އުޅެނީ ވަރަށް ސީރިއަސް ގުޅުމެއްގެ ތެރޭގައިކަން ކަށަވަރު ކަމަށް މީޑިއާތަކުން ބުނެ އެވެ.
މި ދެ ތަރިން ޑޭޓް ކުރަމުން އަންނަ ވާހަކަ މީޑިއާތަކުން ދައްކަން ފެށީ މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން އެ ދެ މީހުން އެކީގައި ވަރަށް ގިނަ ތަންތަނުން ވެސް ފެނިފައިވެ އެވެ. އެގޮތުން ޔޫރަޕްގެ ދަތުރެއްގެ ފޮޓޯތަކެއް ވެސް މީޑިއާތަކުގައި ދައުރުވެފައިވެ އެވެ.
ލަވަކިޔުންތެރިއެއްގެ އިތުރުން އެކްޓަރެއްގެ ގޮތުގައ ވެސް މަސައްކަތް ކުރަމުން އަންނަ ހެރީ، 31، މިހާރު އަންނަނީ ހަތަރު ވަނަ އަލްބަމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ އަލްބަމްގެ މަސައްކަތްތަކެއް ޖަރުމަންގެ ބާލިންގައި ބާރަށް ކުރިއަށްދާ އިރު އަމާޒަކީ 2027 ގައި އަލްބަމް ނެރުމެވެ.
ހެރީގެ އެންމެ ފަހުގެ އަލްބަމަކީ 2022 ގެ "ހެރީސް ހައުސް" އެވެ.
ކުރިން އެކްޓަރު ކާލް ގްލަސްމަންއާ ކައިވެނިކޮށް، އެ ގުޅުން ނިމުމަކަށް އައި ފަހުން އެކްޓަރު ޗާނިން ޓޭޓަމްއާ ވެސް ލޯބީގެ ގުޅުމެއް ބޭއްވި 37 އަހަރުގެ ޒޯއީ އާއި ޗާނިންގެ ގުޅުން ނިމުމަކަށް އައީ މިދިޔަ އަހަރު އެވެ.