Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

އައްޑޫގައި ބަންގްލަދޭޝް މީހުންނާ އެމްބަސީން ބައްދަލު ކުރަނީ

އައްޑޫގައި އުޅޭ ބަންގްލަދޭޝްގެ މަސައްކަތްތެރިންނާ ރާއްޖޭގައި ހުންނަ އެ ގައުމުގެ އެމްބަސީން ބައްދަލު ކުރަން ނިންމައިފި އެވެ.

މި ބައްދަލުވުންތައް އޮންނާނީ އަންނަ މަހުގެ 2-3 އަށް ހައި ކޮމިޝަމްގެ ޓީމަކުން އައްޑު އަށް ކުރާ ދަތުރުގަ އެވެ. އެގޮތުން ބަންގްލަދޭޝްގެ މަސައްކަތްތެރިންނާ އެކު ބާއްވާ ބައްދަލުވުންތައް އޮންނާނީ ހިތަދޫގައި ހުންނަ ހައި ސްކޫލްގަ އެވެ.

މި ބައްދަލުވުމުގައި ބަންގްލަދޭޝް މީހުންގެ ޕާސްޕޯޓާއި ވޭޖް އާނާސް ވެލްފެއާ ބޯޑް މެމްބަޝިޕް ކާޑާ ގުޅުން ހުރި ހިދުމަތްތައް ފޯރުކޮށް ދޭނެ އެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު 9514636 އިން ހޯދޭނެ އެވެ.

އައްޑޫގައި އުޅޭ ބަންގްލަދޭޝް މީހުންނާ މީގެ ކުރިން ވެސް އެމްބަސީގެ ޓީމުތަކުން ބައްދަލުކޮށްފައިވެ އެވެ.

އައްޑޫގައި ގިނަ އަަދަދެއްގެ ބިދޭސީން މަސައްކަތް ކުރަމުން އަންނަ އިރު، މީގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝްގެ މަސައްކަތްތެރިންނެވެ. އައްޑު އަކީ މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ބިދޭސީން އުޅޭ ތަނެވެ.