Last Updated: July 8, 21:12
Wednesday, July 8, 2026
ޚަބަރު

ނުރައްކާތެރި މިންވަރަކަށް ވައި ނުސާފުވެ، ރެޑް އެލާޓް

މާލެއަށް ވައި ނުސާފުވެފައި - ފޮޓޯ: ވޮއިސް

ނުރައްކާތެރި މިންވަރަކަށް މާލެ ސަރަހައްދުގައި ވައި ނުސާފުވެ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ރެޑް އެލާޓު ނެރެފި އެވެ.

ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ ކެމްޕަސް އިމާރާތުގައި ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުން، މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ މި ވަގުތު ހުރީ 170 ގަ އެވެ.

އެއާ ކޮލިޓީ އިންޑެކްސް 151-200 އާ ދެމެދުގައި ހުންނަ ނަމަ ނެރެނީ ރެޑް އެލާޓެވެ. އޭގެ މަނާއަކީ ވައިގެ ނުސާފުކަން ހުރީ އެންމެންނަށް ނުރައްކާވާ މިންވަރަށެވެ.

މި ދަރަޖައަށް ވައި ނުސާފުވުމަކީ ނޭވާލާ ނިޒާމުގެ ތެރެއިން ފުއްޕާމެއަށް އަދި ލޭގެ ތެރެއަށް ވެސް އެތެރެވެ، ކެއްސުމާއި ނޭވާލާން އުނދަގޫވުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވެދާނެ ކަމެކެވެ.

މި ހާލަތުގައި ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި މާސްކު އެޅުމަށާއި ވައި ނުވަންނަހެން ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި އެއާ ޕިއުރިފަޔާ ބޭނުންކުރުމަށް އެޗްޕީއޭއިން ވަނީ އެދިފަ އެވެ.

އެޗްޕީއޭއިން ވަނީ، ނާޒުކު ހާލަތުގައިވާ މީހުން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންކަން މަޑުޖައްސާލަން އިލްތިމާސްކޮށްފައެވެ.