ސީދާވެގެން ވާ [އަޅުގަނޑުމެންގެ] އިސްލާ މްދީނުގައި، ގެއަކަށް ވަންނަ އިރު އިޒުނަ ހޯދުމުގެ ކަންތައްތަކަށް ޚާއްޞަ އަަހައްމިއްޔަތުކަމެއް ދީފައި ވެއެވެ. އަދި އަޅުގަނޑުމެން އެ އަދަބުތަކަށް ފުރިހަމައަށް ތަބަޢަވުމަށް ބާރުއަޅާފައި ވެއެވެ. މިއީ މީސްތަކުންގެ ޒާތީ ދިރިއުޅުމުގެ ޙުރުމަތްތެރިކަން ރައްކާތެރިކުރުމަށާއި، އެ މީހުންގެ ޢައުރަތައް ރައްކާތެރިކުރުމަށާއި، އެ މީހުންނަށް ދިމާވެދާނެ ދަތިކަމަކުން ރައްކާތެރިކޮށް ދުރުކުރުމަށް ޓަކައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ؛
﴿يَا أَيُّهَا الَّذِينَ آمَنُوا لَا تَدْخُلُوا بُيُوتًا غَيْرَ بُيُوتِكُمْ حَتَّىٰ تَسْتَأْنِسُوا وَتُسَلِّمُوا عَلَىٰ أَهْلِهَا ۚ ذَٰلِكُمْ خَيْرٌ لَّكُمْ لَعَلَّكُمْ تَذَكَّرُونَ﴾ [النُّور: 27]
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގެތައް ނޫން އެހެން ގެތަކަށް، އެ ގެތަކުގެ އަހުލުވެރިންނަށް ސަލާމްގޮވައި އިޒުނަ ލިބިގެންފުމަށްދާންދެން ނުވަންނާށެވެ! އެ ގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. (އެއީ) ތިޔަބައިމީހުން ހަނދުމަ ކުރުމަށްޓަކައެވެ.
1. ސަލާމް ގޮވުމާއި، އިޒުނައަށް އެހުމުގައި ތިން ފަހަރު ތަކުރާރު ކުރުން: ސަލާމް ގޮވައި، އިޒުނައަށް އަހައި ނަމަވެސް އެއްވެސް ޖަވާބެއް ނުލިބެއްޖެ ނަމަ، ދެވަނަ ފަހަރަށް އަދި ތިންވަނަ ފަހަރަށް ތަކުރާރު ކުރާނީއެވެ. އަދި ތިން ފަހަރަށް ތަކުރާރުކޮށް ޖަވާބެއް ނުލިބެއްޖެ ނަމަ، އެނބުރިދާނީ އެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘް ކުރައްވާފައިވެއެވެ؛
«إِذَا اسْتَأْذَنَ أَحَدُكُمْ ثَلَاثًا، فَلَمْ يُؤْذَنْ لَهُ فَلْيَرْجِعْ»[صَحِيحُ الْبُخَارِيُّ (6245)، وَمُسْلِمٌ (2153).]
މާނައީ: “ތިޔަބައިމީހުންގެ ތެރެއިން މީހަކު [ގެއަކަށް ވަނުމަށް] ތިން ފަހަރު އިޒުނައަށް އަހައި [އެ މީހަކަށް އެ ގެއަކަށް ވަނުމަށް] އިޒުނަ ނުލިބެއްޖެ ނަމަ، ފަހެ އެނބުރި ދާށެވެ.”
2. އިޒުނައަށް އެހުމުގެ ކުރިން ސަލާމް ގޮވުން: ގެއަކަށް ވަނުމަށް އިޒުނައަށް އެދޭ މީހާގެ މައްޗަށް ސުންނަތްވެގެން ވަނީ، ފުރަތަމަ ސަލާމްގޮވައި ދެން އިޒުނައަށް އެހުމެވެ. މާތް ﷲ ވަޙީކުރެއްވިއެވެ؛
﴿فَإِذَا دَخَلْتُم بُيُوتًا فَسَلِّمُوا عَلَىٰ أَنفُسِكُمْ تَحِيَّةً مِّنْ عِندِ اللَّهِ مُبَارَكَةً طَيِّبَةً﴾ [النُّور: 61]
މާނައީ: “ފަހެ ތިޔަބައިމީހުން ގޭގެއަށް ވަންނައިރު، ﷲގެ ޙަޟްރަތުން ވާ ބަރަކާތްތެރި ރަނގަޅު ސަލާމަކުން ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކަށް ތިޔަބައިމީހުން ސަލާމް ގޮވާށެވެ!”
3. އިޒުނަ ނުލިބިއްޖެ ނަމަ، އަނބުރައި ދިއުން: އިޒުނައަށް އަހައި ގޭގެ ތެރެއިން އެއްވެސް ޚަބަރެއް ނުލިބި ނުވަތަ އެ ވަޤުތު އެނބުރިދިއުމަށް އެދިއްޖެ ނަމަ، އެނބުރި ދާނީއެވެ. އަދި މި ކަމުގައި އޭނާ އެއްވެސް ކަހަލަ ހިތްބަރުކަމެއް ބާއްވައިގެން ނުވާނެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ؛
﴿وَإِن قِيلَ لَكُمُ ارْجِعُوا فَارْجِعُوا ۖ هُوَ أَزْكَىٰ لَكُمْ﴾ [النُّور: 28]
މާނައީ: “އަދި ތިޔަބައިމީހުން އެނބުރި ހިނގައިދާށޭ ތިޔަބައިމީހުންނަށް ބުނެވިއްޖެ ނަމަ، ފަހެ ތިޔަބައިމީހުން އެނބުރި ދާށެވެ! އެ ގޮތް ތިޔަބައިމީހުންނަށް ޠާހިރުކަން ބޮޑެވެ.”
4. ބެލުން ތިރިކުރުން: ގެއަށް ވަނުމަށް އިޒުނައަށް އެދޭ މީހާގެ ބެލުން ތިރިކުރުމަކީ ވާޖިބެކެވެ. އަދި އޭނާ އެ ގޭގެ އަހުލުންގެ ހުއްދައަކާއި ނުލައި ގޭގެ ތެރެއަށް ބޯދިއްކޮށް ބެލުމަކީ ޙަރާމުކަމެކެވެ. މާތް ﷲ ވަޙީކުރެއްވި އެވެ؛
﴿قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ﴾ [النُّور: 30]
މާނައީ: “މުއުމިނު ފިރިހެނުންނަށް، އެ މީހުންގެ ބެލުންތައް ތިރިކުރުމަށާއި، އެ މީހުންގެ ފަރުޖުތައް ރައްކާތެރި ކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ. އެ ގޮތް އެ މީހުންނަށް ޓަކައި، ޠާހިރުކަން ބޮޑެވެ.”
މަސްދަރު: އިލްމު.އެމްވީ