Last Updated: July 8, 21:12
Wednesday, July 8, 2026
ޚަބަރު

ހިޖުރަކުރާ ދޫނިތަކަށް ގޯނާ ނުކުރަން އިންޒާރު ދީފި

މި ދުވަސްވަރު ރާއްޖެއަށް ހިޖުރަކުރާ ދޫނިތައް ހިފައި ގޯނާކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން މިއަދު ދީފި އެވެ.

އީއާރްއޭއިން ނެރުނު ބަޔާނެއްގައި ބުނީ އިރުވައި މޫސުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބާވަތްތަކުގެ މޫސުމީ ދޫނި ރާއްޖެއަށް ހިޖުރަކުރަމުން އަންނަ ދުވަސްވަރެއް ކަމަށާއި މިގޮތަށް ހިޖުރަކުރާ ދޫންޏަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުގެ ދަށުން ހިމާޔަތްކުރެވިފައިވާ ދިރުންތަކެއް ކަމަށެވެ.

"މިފަދަ ދޫނި ހިފާ އެތަކެތި ގެންގުޅުމަކީ މި ގަވާއިދުގެ 17 ވަނަ މާއްދާގެ ދަށުން މަނާ ކުރެވިފައިވާ ކަމެއް" ބަޔާނުގައިވެ އެވެ.

ރާއްޖޭން ފެންނަ ގިނަ ބާވަތްތަކުގެ ދޫންޏަކީ މިގޮތަށް މޫސުމާ ގުޅިގެން ރާއްޖެއަށް ހިޖުރަކުރާ ބާވަތްތައް ކަމުގައިވާއިރު، މިފަދަ ދިރުންތައް ރައްކާތެރިކުރުމަކީ ރާއްޖޭގެ ދޫނިސޫފާސޫފީގެ ސިންދަފާތާއި ވެށީގެ މުއްސަނދިކަން ރައްކާތެރިކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށާއި އެހެންނަމަވެސް ކޮންމެ އަހަރަކު މިދުވަސްވަރާ ދިމާކޮށް ހިޖުރަކުރާ ގިނަ ބާވަތްތަކެއްގެ ދޫނި މަޅިފަތިޖަހާ ހިފާ، ފިޔަކޮށާ އަދި ކޮށިތަކުގައި ބަންދުކޮށް ގެންގުޅޭ ކަމަށާއި މިފަދަ ދޫނި ވިޔަފާރި ކުރުމަށާއި އޮޅުދޫނި ގޮތުގައި ހިފާ ގެންގުޅޭކަން ފާހަގަކުރެވިފައިވާ ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

"މި ދޫނިތަކަކީ އެހެން ޤައުމުތަކުން ރާއްޖެއަށް އަންނަ ދޫނިތަކަށްވުމުން މި ދޫނިތައް ހިފާގެންގުޅުމުގެ ސަބަބުން ދިވެހިރާއްޖެ ބައިވެރިވެފައިވާ ތަފާތު ބައިނަލްއަޤްވާމީ މުއާހަދާތަކާވެސް ޚިލާފުވޭ. އެގޮތުން ކޮންވެންޝަން އޮން މައިގްރޭޓަރީ ސްޕީޝީޒް "Covetio o Migratory Species" ގެ ދަށުން މިފަދަ ހިޖުރަކުރާ ދޫނިތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދިވެހިރާއްޖޭގެ ޒިންމާއެއް" ބަޔާނުގައި ބުނެފައިވެ އެވެ.

ވީމާ މިފަދަ އަމަލުތައް ކުރާ ފަރާތްތަކަށް މިކަންކަމުން ދުރުހުހެލިވުމަށާއި، ހިފާފައިވާ ދޫނިތަށް ދޫކޮށްލުމަށް ވަނީ އަންގާފައެވެ. ރާއްޖޭގައި ދިރޭތަކެތީގެ ސިންދަފާތު ރައްކައުތެރި ކުރުމަށް ހެދިފައިވާ ޤާނޫނާއި ގަވާއިދުތަކަށް ހުރިހާ ފަރާތްތަކުން އަމަލުކުރުމަށް އެ އޮތޯރިޓީން ވަނީ ބާރުއަޅާފައެވެ. އަދި ގަވާއިދާ ޚިލާފަށް މިފަދަ ދޫނިތައް ހިފާ ގެންގުޅޭ އަދި މި ދޫނިތައް ގަނެވިއްކާ، އެތަކެތީގެ ވިޔަފާރިކުރަމުންދާ ފަރާތްތަކާމެދު ޤާނޫނުގެ ދަށުން ޖޫރިމަނާ ކުރެވޭނެކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެ އޮތޯރިޓީން ވަނީ މިފަދަ ފަރާތްތަކުގެ މަޢުލޫމާތު އެނގޭނަމަ ލަސްނުކޮށް އެ އޮތޯރިޓީގެ ހޮޓްލައިން 7980379 ނުވަތަ އީމެއިލްއަށް އެ މައުލޫމާތު ޙިއްސާކުރުމަށް އެދިފަ އެވެ.