ފަސްދޮޅަސް އަހަރު ފުރެން ގާތްވަމުން އަންނަ އިރު އަދިވެސް ޒުވާން ކަމަށް ސަލްމާން ޚާން ބުނެފި އެވެ.
ވޯކްއައުޓް ސެޝަނެއްގެ ތެރެއިން 'ވަރަށް ޒުވާންކޮށް ދައްކުވައިދޭ' ފޮޓޯތަކެއް ސޯޝަލް މީޑިއާގައި މިއަދު އާންމުކޮށް އޭނަ ބުނީ "60 އަހަރުވާ އިރު، މިހެން އަހަރެން ފެންނާނެ ނަމައޭ ހިތަށް އަރާ" ކަމަށެވެ. ސަލްމާންގެ މި ޕޯސްޓާ އެކު ވަރަށް ގިނަ ބަޔަކު ވަނީ އޭނަ އަށް 60 އަހަރުވާން އުޅޭ ކަމަށް ގަބޫލު ކުރަން ދަތި ކަމަށާއި އަދިވެސް ފެންނަނީ ވަރަށް ފިޓްކޮށް، ޒުވާންކޮށް ބުނެފައިވެ އެވެ.
ކޮމެންޓްތަކުގައި ބައެއް މީހުން ވަނީ ސަލްމާން ދުވަހަކު މުސްކުޅި ނުވާނެ ކަމަށް ވެސް ބުނެފަ އެވެ.
ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ތަރިންގެ ތެރޭގައި ހިމެނޭ ސަލްމާނަށް 60 އަހަރު ފުރޭނީ މި މަހުގެ 27 ގަ އެވެ. ސަލްމާނަކީ ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން ފިޓްނެސް އަށް އެންމެ ބޮޑު ސަމާލުކަން ދޭ އެކެކެވެ. އިންޑިއާ މީހުންގެ މެދުގައި ކަސްރަތު ކުރުމުގެ ބޮޑު ޓްރެންޑެއް ފެށުނީ ވެސް ފިލްމުތަކުގައި ސަލްމާން ދައްކުވައި ދެމުން ގޮސްފައިވާ ވަރުގަދަ ހަށިގަނޑުގެ ސަބަބުންނެވެ.
އެގޮތުން ބޮލީވުޑްގެ ވަރަށް ގިނަ އެކްޓަރުންގެ އިންސްޕިރޭޝަނަކީ ވެސް އޭނަ އެވެ.
ސަލްމާންގެ 60 ވަނަ އުފަން ދުވަސް 27 ގައި ފާހަގަކުރާ އިރު، އޭނަގެ އާ ފިލްމު "ބެޓްލް އޮފް ގަލްވާން" ޓީޒާ އެ ދުވަހު ދައްކައިލާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. ޝޫޓިން ނިންމާލައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް މި ފިލްމުގައި އޭނަ ފެންނާނީ އަސްކަރީ އޮފިސަރެއްގެ ރޯލުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސަލްމާންގެ އުފަން ދުވަހު އޭނަގެ 2014 ގެ ހިޓް ފިލްމު "ކިކް" ގެ ދެވަނަ ބައި ވެސް އިއުލާން ކުރާނެ ކަމަށް ބެލެވެ އެވެ.