Last Updated: July 8, 21:12
Wednesday, July 8, 2026
ޚަބަރު

ހިރިމަރަދޫގައި މީހުން އުޅެނިކޮށް ރަށު ކައުންސިލް އުވާލައިފި

ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ

ހދ. ހިރިމަރަދޫގައި މީހުން ދިރިއުޅެމުން ދަނިކޮށް، ގާނޫނުއަސާސީއާ ހިލާފަށް އެރަށު ކައުންސިލް އުވާލާފައިވާ ކަމަށް ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަދި އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގަޕޯ ވިދާޅުވީ ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުނުކޮށް، ހިރިމަރަދޫ ކައުންސިލް އުވާލައި، އެރަށުގެ ރައްޔިތުން ހަނިމާދޫ ރައްޔިތުންގެ ގޮތުގައި ވޯޓުލާން ނިންމާފައިވާ ކަމަށެވެ. އަދި މި ނިންމުމަކީ ގާނޫނުއަސާސީ އާއި، ލާމަރުކަޒީގާނޫނާ ކަޑައެޅިގެން ހިލާފުކަމެއް ކަމަށް ގަޕޯ ވިދާޅުވި އެވެ.

ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދޫ އަށް ބަދަލުކުރަން ސަރުކާރުން ނިންމައި އެކަން މިއަހަރުގެ ފެބްރުއަރީ މަހު ވަނީ އިއުލާންކޮށްފަ އެވެ. ސަރުކާރުން އެގޮތަށް ނިންމީ އެ ރަށު ރައްޔިތުންގެ އެދުމުގެ މަތިންނެވެ.

އެ ނިންމުމާ ގުޅިގެން ހިރިމަރަދޫއިން ހަނިމާދުއަށް ބަދަލުވާން ބޭނުންވާ ރައްޔިތުންގެ ބޯހިޔާވަހިކަމާއި މުނިސިޕަލް ހިދުމަތްތައް ދޮޅު އަހަރު ތެރޭގައި ގާއިމްކުރުމަށް ސަރުކާރުން ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފަ އެވެ.

ހިރިމަރަދޫއަކީ ރާއްޖޭގެ އެންމެ އާބާދީ މަދު އެއް ރަށެވެ. އެގޮތުން އެ ރަށުގައި 589 މީހުންގެ އާބާދީއެއް އޮންނަ އިރު، ރަށުގައި އުޅެނީ 200 އެއްހާ މީހުންނެވެ.