ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީ އިންތިޒާމު ކުރަނީ ގަވައިދާ ޚިލާފަށް ކަމަށް ބުނެ، މާލޭގެ މޭޔަރަކަށް އެމްޑީޕީ ޓިކެޓު ހޯދުމަށް ވާދަކުރައްވާ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް ޝަކުވާ ހުށަހަޅުއްވައިފި އެވެ.
އޭނާ ޝަކުވާ ހުށަހަޅުއްވާފައި ވަނީ، އެ ޕާޓީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ރައީސް އަހުމަދު އަބްދުﷲ އަފީފަށެވެ.
އެ ސިޓީގައި ބުނެފައިވަނީ އަންނަ މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕްރައިމަރީގައި ވޯޓްލެވޭ ރަށްތަކާއި ސިޓީތަކުގެ މެންބަރުންގެ ދަފްތަރު އާންމުކުރުމުގައި ކަންހިނގާފައިވާ ގޮތާއި އަދި އިދާރީ ގޮތުން ޕާޓީގެ އިންތިހާބައި ބެހޭ ގުނަވަންތައް ހަރަކާތްތެރިވަމުން އަންނަ ގޮތުން މިކަމަކީ އޭނާގެ އިންތިހާބީ ހައްގަށް އުނިކަން އަންނާނެ ކަންކަން ކަމަށް ދެކޭތީ އެކަންކަން ސަމާލު ކަމަށް ގެންނަ ކަމަށެވެ.
އެގޮތުން ޕްރައިމަރީގައި ވޯޓްލެވޭ މެންބަރުންގެ ދަފްތަރު އޭގެ ކުރީ ތާރީހަކަށް ބަންދުކުރެވޭ ގޮތަށް ކަނޑައަޅާ އާންމުކޮށްފައިވާ ކަމަށާއި އެހެން އަމަލު ކުރުމަކީ އެމްޑީޕީގެ އިންތިހާބުތަކާ ބެހޭ ގަވާއިދު ތަންދޭ ކަމެއް ނޫން ކަމަށް ވަނީ ބުނެފަ އެވެ. އަލީ އާޒިމްގެ ސިޓީގައި ބުނެފައިވަނީ ޕްރައިމަރީގައި ވޯޓްލެވޭނީ ޑިސެންބަރު 11 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ގޮތުގައި އީސީގައި ދަފްތަރުވެފައިވާ މެންބަރުންނަށް ކަމަށް ދެކޭ ކަމަށެވެ.
މީގެ އިތުރުން އެމްޑީޕީގެ އިންތިހާބާ ބެހޭ ގަވާއިދަށް ބަދަލު ގެނެސްފައިވާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ. އަދި މިހާތަނަށް އަމަލު ކުރަމުން އައި ގަވާއިދު ގައުމީ މަޖިލީހަށް ނުގެންގޮސް ކުއްލިއަކަށް ބަދަލުކޮށްފައި ވަނީ އަސާސީ ގަވާއިދާ ހިލާފަށް ކަން ފާހަގަކޮށްފައިވެ އެވެ.
އަދި މި އިންތިހާބުގެ ކަންކަން ބަލައި ވިލަރެސް ކުރުމަށް އެކުލަވާލާފައިވާ އިންތިހާބާ ބެހޭ ކޮމެޓީގައި މަސްލަހަތު ފުށުއަރާ މެންބަރުން ހިމެނޭ ކަމަށާއި އެގޮތުން ކޮމެޓީގެ މުގައްރިރު މުހައްމަދު ފަލާހް, އާދަމް އާޒިމްގެ ކެމްޕެއިންގައި ޕާޓީގެ މެންބަރުންނަށް ފޯނުން ވާހަކަ ދައްކާ އާޒިމަށް ވޯޓް ދިނުމަށް އެދުން ހިމެނޭކަން ވަނީ ފާހަގަކޮށްފަ އެވެ.
މީގެ އިތުރުން ކޮމެޓީގެ ހުރިހާ އިދާރީ މަސައްކަތް ކުރަމުން ގެންދާ ކޮމެޓީގެ ނާއިބު މުގައްރިރު އިބްރާހިމް މުޢިއްޒު ޕްރައިމަރީގެ ކަންކަން ހިންގުމަށް އިނުމަކީ ވަރަށް ބޮޑަށް މަސްލަހަތު ފުށުއަރާ ކަމެއް ކަމުގައި ވަނީ ފާހަގަކޮށްފަ އެވެ. މުއިއްޒު ވަނީ އާދަމް އާޒިމަށް ކެމްޕެއިން ކޮށްދިނުމަށް ސޯޝަލް މީޑިއާގައި މަސައްކަތް ކޮށްފައިކަން ވެސް ފާހަގަކޮށްފައިވެ އެވެ. އަދި މުއިއްޒަކީ އާޒިމްގެ މޭޔަރު ކަމުގައި މާލެ ސިޓީ ކައުންސިލްގެ ސުޕަވައިޒަރެއްގެ މަގާމަށް އައްޔަނުކޮށްފައިވާ މީހެއް ކަމަށްވެސް ބުނެފައިވެ އެވެ.
އެހެން ކަމުން އާދަމް އާޒިމަށް ރިޕޯޓް ކުރަން ޖެހޭ ވަޒީފާއެއްގައި ހުރި މީހަކަށް "ވަކި ފަރާތަކަށް ބުރަނުވެ" މަސައްކަތް ކުރުމަކީ ހަމަ ބުއްދިން ބަލާއިރުވެސް ކުރެވޭނެ ކަމެއް ކަމަށް ގަބޫލުނުކުރެވޭތީ ކޮމެޓީން ތަނާޒުލްވާން ޖެހޭ ކަަމަށް ދެކޭ ކަމަށް އާޒިމްގެ ސިޓީގައިވެ އެވެ. އަދި އިންތިހާބާ ބެހޭ ކޮމެޓީގެ މެންބަރު ޝާތިރު އަބްދުއްރަހްމާން އަކީ ވެސް އާދަމް އާޒިމަށް ތާއީދުކޮށް ވާހަކަ ދައްކަމުން އަންނަ މީހެއް ކަމުން އޭނާ އަކީވެސް ވަކި ފަރާތަކަށް ބުރަނުވެ އިންސާފުވެރިކަމާއެކު މަސައްކަތް ކުރެވިދާނެ މީހެއް ކަމުގައި ގަބޫލު ނުކުރެވޭ ކަމަށް ބަޔާން ކޮށްފައިވެ އެވެ.
އެހެން ކަމުން މިކަންކަމަކީ ވަރަށް ސީރިއަސް ކަމާއެކު ބަލާ ރަނގަޅުކޮށް އަވަސް ފަރުވާ ބޭނުންވާ ކަންކަން ކަމަށާ މިއީ އިންތިހާބުގައި ބައިވެރިވާ ކެންޑިޑޭޓުންނާއި އެތައް ހާސް މެންބަރުންގެ މަސްލަހަތާއި ގުޅިފައިވާ ކަންކަން ކަމުގައި ބުނެފައިވެ އެވެ.
މީގެއިތުރުން އަލީ އާޒިމް ވަނީ ޕްރައިމަރީގައި ވޯޓްލެވޭނީ ޑިސެންބަރު 11 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ގޮތުގައި އީސީގައި ދަފްތަރުވެފައިވާ މެންބަރުންނަށް ކަމުގައި ކަނޑައެޅުމަށް ވަނީ އެދިފަ އެވެ.