މި ސަރުކާރަށް ދެ އަހަރުވެގެންދިޔައިރު ތަރައްގީގެ އެއްވެސް ކަމެއް ނުކުރެވޭ ކަމަށާއި ދައްކަނީ ހުސް ވާހަކަ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެެ އެވެ.
ތ. ހިރިލަންދޫ އަށް ކުރައްވި ދަތުރުފުޅުގެ ތެރެއިން، އެ ރަށުގެ"ހިރިވެލި ބީޗް" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އިބޫ ވިދާޅުވީ މި ސަރުކާރަށް ދެ އަހަރުވެގެންދިޔައިރު ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އެކަށީގެންވާ ތަރައްގީގެ އެއްވެސް ކަމެއް ކުރެވިފައި ނުވާ ކަމަށާއި ދައްކަމުންދަނީ ހަމަ ވާހަކަތަކެއް ކަމަށްވާއިރު ނަތީޖާއެއް ނުފެންނަ ކަމަށެވެ.
ކުރިއަށް އޮތީ ލޯކަލް ކައުންސިލް އިންތިޚާބު ކަމަށާއި ރައްޔިތުން އެ އިންތިހާބުގައި ވޯޓުލާއިރު މި ހުރިހާ ކަމަކާއި މެދު ވިސްނައި ރައްޔިތުންނާއި އެކީ މަސައްކަތް ކުރާނެ ބަޔަކަށް ވޯޓު ދިނުން މުހިއްމު ކަމަށް އިބޫ ވިދާޅުވި އެވެ. މި ސަރުކާރުގެ ފާއިތުވި ދެ އަހަރުގެ ނަތީޖާއަށް ބަލާއިރު، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މާގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.
"އަނެއްކާވެސް މި ދައްކަނީ ތަކުރާރުކޮށް އެއް ވައުދުތަކެއްގެ ވާހަކަ،" އިބޫ ވިދާޅުވި އެވެ.
މިދިޔަ މަހު ކުއްލިއަކަށް ތަރައްޤީގެ ވަރަށް ގިނަ މަޝްރޫއުތަކެއް ހިންގާނެކަމަށް ވިދާޅުވެ އެގްރީމެންޓްތަކެއް ހެދި ކަމަށާއި އަދި މާލިއްޔަތު ޤާނޫނާއި އެ ޤާނޫނުގެ ދަށުގައި ހުރި ޤަވާއިދުތަކަށް ކެބިނެޓުން ބަދަލު ގެނެސް، ބޭނުން ބަޔަކަށް ޕްރޮޖެކްޓް ބަހާލި ނަމަވެސް، އޭގެތެރެއިން ވެސް މިހާތަނަށް ފެށިފައިވަނީ މަދު ކަމެއް ކަމަށްވެސް އިބޫ ވިދާޅުވި އެވެ.