Last Updated: July 8, 21:12
Wednesday, July 8, 2026
ޚަބަރު

އެމްޑީޕީން އައްޑޫގައި ޕްރައިމަރީ ބާއްވަނީ އެންމެ ދާއިރާއެއްގައި

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި އެމްޑީޕީން ނެރޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވުމަށް ނިންމާފައިވާ ޕްރައިމަރީ އައްޑޫ ސިޓީގެ އެންމެ ދާއިރާއެއްގައި ބޭއްވުމަށް ނިންމައިފި އެވެ.

އެމްޑީޕީން އިއްޔެ ވަނީ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ޕްރައިމަރީއަށް ކުރިމަތިލި އެ ޕާޓީގެ ކެންޑިޑޭޓުންގެ ލިސްޓު ނެރެފަ އެވެ.

އެ ލިސްޓުގައިވާ ގޮތުން ޕްރައިމަރީ ބާއްވާނީ 25 ރަށާއި ހަތަރު ސިޓީއެއްގަ އެވެ. ސިޓީތަކުގެ ތެރެއިން ޕްރައިމަރީ ބާއްވަނީ އައްޑޫގެ އެއް ގޮނޑިއަކާއި ފުވައްމުލަކު ސިޓީގެ އެއް ގޮނޑިއަކާއި މާލޭ ސިޓީގެ 12 ގޮނޑިއެއްގެ އިތުރުން ތިނަދޫ ސިޓީގެ ހަތަރު ގޮނޑިއެއްގަ އެވެ.

ޕްރައިމަރީ ބާއްވާ އައްޑޫގެ ހަމައެކަނި ގޮނޑިއަކީ ފޭދޫ މާދެލަ ދާއިރާގެ ގޮނޑި އެވެ. އެ ޕްރައިމަރީގައި ތިން ފަރާތަކުން ވާދަކުރެ އެވެ.

ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ 16 ގަ އެވެ.