Last Updated: July 8, 21:12
Wednesday, July 8, 2026
ކުޅިވަރު

އިސާކް ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރަށް

ލިވަޕޫލްގެ ފޯވާޑް އެލެކްސެންޑާ އިސާކްގެ ފަޔަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.

އިސާކް ،26، އަށް އަނިޔާވެފައިވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެފަހުން ލިވަޕޫލުން 2-1 އިން ޓޮޓެންހަމްގެ މައްޗަށް ކުރި ހޯދި މެޗުގަ އެވެ. އިސާކަށް އަނިޔާވީ ލިވަޕޫލްގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނުމުގެ ތެރޭގައި ޓޮޓެންހަމްގެ ޑިފެންޑަރު، މިކީ ވެން ޑަ ވޭން ޖެހި ޓެކަލްއެއް އެރުމާ ގުޅިގެންނެވެ.

ލިވަޕޫލުން ބުނީ މި އަނިޔާއާ ގުޅިގެން އިސާކް ފައިގެ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށާއި އޭނާ އެނބުރި ކުޅުމުގެ ތެރެއަށް އަންނާނެ މުއްދަތެއް ކަނޑައަޅާފައި ނުވާ ކަމަށެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި އަނިޔާއާ ގުޅިގެން ގިނަ މަސްތަކަކަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.

އިނގިރޭސި އެންމެ އަގުބޮޑު ޓްރާންސްފާގެ ގޮތުގައި އިސާކް ލިވަޕޫލަށް ގެނައީ 125 މިލިއަން ޕައުންޑްގެ އަގަކަށެވެ.

ލިވަޕޫލަށް ބަދަލުވިފަހުން އިސާކަށް އެންމެ އެދެވޭ ކުޅުމެއް ދެއްކޭ ގޮތް ވެފައި ނުވާއިރު، އޭނާ އެޓީމަށް ކުޅެދިން 16 މެޗުގައި ކާމިޔާބުކުރެވުނީ އެންމެ ތިން ގޯލެވެ.