Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

އެމްޓީސީސީގެ ހިދުމަތްތަކުގެ ފެންވަރު ދެނެގަންނަން ސާވޭއެއް

އެމްޓީސީސީގެ ހިދުމަތްތަކުގެ ފެންވަރާ މެދު އާންމުން ދެކޭ ގޮތް ބެލުމަށް ސާވޭއެއްގެ މަސައްކަތް ފަށައިފި އެވެ.

އެ ކުންފުނިން ބުނީ އެ ސާވޭން ލިބޭ މައުލޫމާތުގެ އަލީގައި ފޯރުކޮށްދެ މުން އަންނަ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރެވޭނެ ކަމަށެވެ. އެގޮތުން ސާވޭގައި ކަސްޓަމަރުންގެ ފަރާތުން ލިބޭ ފީޑްބެކް މެދުވެރިކޮށް އެމްޓީސީސީން ދެމުންދާ ހިދުމަތްތަކާ މެދު ކަސްޓަމަރުން ހިތްހަމަޖެހޭ މިންވަރާއި، އިތުބާރު ކުރާ މިންވަރާއި، ހިދުމަތުގެ ހަލުވިމިނާއި، ކަސްޓަމާ ސަޕޯޓް އަދި މުއާމަލާތްކުރުން ވަޒަންކުރެވޭނެ ކަމަށް ބުންޏެވެ.

މި ސާވޭގައި އޮންލައިން ފޯމެއް މެދުވެރިކޮށް ބައިވެރިވެވޭނެ އެވެ.

އެމްޓީސީސީން ދެމުން އަންނަ ހިދުތްތަތަކަށް ބަލާ އިރު، ރައްޔިތުންނާ އެންމެ ގުޅުން ބޮޑު ހިދުމަތަކީ ރާއްޖެ ޓްރާންޕޯޓް ލިންކް (އާރްޓީއެލް) ގެ ހިދުމެތެވެ. މީގެ ދަށުން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ފެރީގެ ހިދުމަތާއި އާބާދީ ބޮޑެތި ބައެއް ސަރައްދުތަކަށް ބަހުގެ ހިދުމަތް އަންނަނީ ދެމުންނެވެ.

އެމްޓީސީސީ އަކީ ރާއްޖޭގެ އުމްރާނީ ތަރައްގީއާ ގުޅޭ ގިނަ މަޝްރޫއުތައް ވެސް ހިންގަމުން އަންނަ ކުންފުންޏެވެ. އޭގެ ތެރޭގައި ބިން ހިއްކުމާއި ބަނދަރުތައް ހެދުމާއި އެއާޕޯޓް ތަރައްގީ ކުރުމާއި މަގު ހެދުން ފަދަ ކަންކަން ހިމެނެ އެވެ.