Last Updated: June 6, 18:02
Saturday, June 6, 2026
މުނިފޫހިފިލުވުން

ނުޕޫރްގެ ކައިވެނި ޖެނުއަރީ 11 ގައި

ބޮލީވުުޑްގެ މަޝްހޫރު ބަތަލާ ކްރިތީ ސެނަންގެ ކޮއްކޮ ނުޕޫރް ސެނަން އަންނަ މަހު ކައިވެނި ކުރަން ތައްޔާރުވެއްޖެ އެވެ.

ބަތަލާއެެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ނުޕޫރް، 32، ރައްޓެހިވެގެން އުޅެނީ ލަވަކިޔުންތެރިޔާ ސްޓެބިން ބެން، 32، އާ އެވެ.

މީޑިއާތަކުން ބުނީ އެ ދެ މީހުންގެ ކައިވެނީގެ ހަފުލާ އޮންނާނީ އަންނަ މަހުގެ 11 ވަނަ ދުވަހު ޖެއިޕޫރްގައި ކަމަށެވެ. ކުލަގަދަކޮށް ކައިވެނި ހަފުލާ ބާއްވަން ތައްޔާރީތައްވަމުން އަންނަ އިރު، ކައިވެނީގެ ރަސްމީ ހަރަކާތްތައް އަންނަ މަހުގެ 8 ގައި ފަށާ ގޮތަށް ހަމަޖެހިފައިވެ އެވެ.

މީޑިއާތަކުން ބުނީ ޖެއިޕޫރްގައި ކައިވެނި ކުރުމަށް ފަހު، ނުޕޫރާއި ސްޓެބިންގެ ކައިވެނީގެ ރިސެޕްޝަން ކައިވެނިކުރާ ހަފުތާގެ ތެރޭގައި މުމްބާއީގައި ކުލަގަދަކޮށް ބާއްވާނެ ކަމަށެވެ. އެ ހަފުލާ އަށް އެންޓަޓައިންމަންޓް ދާއިރާގެ ގިނަ ބަޔަކަށް ދައުވަތު ވެސް ދޭން ހަމަޖެހިފައިވެ އެވެ.

އަކްޝޭ ކުމާރާ އެކު ދެ ވީޑިއޯ ލަވައެެއް ކުޅެފައިވާ ނުޕޫރްގެ ފުރަތަމަ ފިލްމަކީ 2023 ގެ ތެލެގޫ ފިލްމު "ޓައިގާ ނަގޭސްވަރަ ރާއޯ" އެވެ. އޭނަގެ އަލަތު ހިންދީ ފިލްމަކަށް ވާނީ އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ "ނޫރާނީ ޗެހެރާ" އެވެ.

ކޮއްކޮ ކައިވެންޏަށް ތައްޔާރުވަމުން އަންނަ އިރު، ކްރިތީ އުޅެނީ އިނގރޭސިވިލާތުގައި ދިރިއުޅޭ އިންޑިއާ ދަރިކޮޅުގެ ޒުވާން ވިޔަފާވެރިއެއް ކަމަށްވާ ކަބީރް ބަހިއާއާ ރައްޓެހިވެގެންނެވެ. ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފައިވާ ކްރިތީ، 35، އަކީ މިހާރު ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ އެއް ބަތަލާ އެވެ.