މިހާރު އޮތް އައްޑޫ ސިޓީ ކައުންސިލްގެ މަސައްކަތުގެ ރޭޓް ވަރަށް ބަލި ކަމަށާއި ރައްޔިތުން ބޭނުންވާ ފަދަ ހައްގު ބަދަލެއް ވެސް ގެނެސްދެވިފައި ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫގެ މޭޔަރުގެ މަގާމަށް ޕީއެންސީ ޓިކެޓްގައި ވާދަކުރައްވަން ޕްރައިމަރީގައި ވާދަކުރައްވާ ޑރ. އަދީލް ނަސީރަށް ތާއީދު ކުރައްވައި އަޒާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު އައްޑޫގެ ގިނަ ބަޔަކު އެއްބަސްވާ އެއް ކަމަކީ، އައްޑޫ ސިޓީ ކައުންސިލުން ސިޓީއަށް ހައްގުވާ ބަދަލު ގެނެސްދީފައި ނުވާކަން ކަމަށެބެ. އަދި ވައުދުތަކެއްވީ ނަމަވެސް، ތަރައްގީ ފެންނަނީ ވަރަށް ލަސްކޮށް ކަމަށް ވިދާޅުވި އެވެ.
"ފުރުސަތުތައް ލިބުނު ނަމަވެސް، މަސައްކަތުގެ ރޭޓް އޮތީ ބަލިކަށިކޮށް،" އަޒާން ވިދާޅުވި އެވެ. "އައްޑޫ ސިޓީ އަށް ބޭނުން ވަނީ ހަމައެކަނި ވައުދުތަކެއް ނޫން. ބޭނުން ވަނީ ގާބިލު، ނަތީޖާ ދައްކާފައިވާ ލީޑަޝިޕެއް."
އޭނަ ވިދާޅުވީ އެފަދަ ބަދަލެއް ގެނެސްދެވޭނީ އަދީލް ފަދަ ޒިންމާދާރު ބޭފުޅަކަށް ކަމަށެވެ.
"އަދީލަކީ ޒިންމާދާރު މަގާމުތަކަށް އާ ބޭފުޅެއް ނޫން. އޭނާގެ މުޅި ކެރިއަރު ހޭދަކުރައްވާފައި ވަނީ ތައުލީމީ ޒުވާނުން ބިނާކުރުމުގައި. އޭނާގެ ތަޖުރިބާ އެބަހުރި،" އަޒާން ވިދާޅުވި އެވެ. "މި ދަނޑިވަޅު މުހިންމުވާ އަނެއް ސަބަބަކީ، އަދީލް ވާދަ ކުރައްވަނީ ސަރުކާރު ހިންގާ ޕާޓީގެ ޓިކެޓުގައި ކަމަށްވުން. މީގެ މާނައަކީ، ސަރުކާރާ ގުޅިގެން ސީދާ މަސައްކަތް ކުރެވޭނެ، މަޝްރޫއުތައް ކުރިއަށް ގެންގޮސް، ފަންޑު ހޯދައި، ސަރުކާރުން ނިންމާ ނިންމުންތަކުން އައްޑޫ ރައްޔިތުންނަށް ހަގީގީ މަންފާ ހޯދައި ދެވޭނެ މޭޔަރަކު އައްޑޫ ސިޓީއަށް ލިބުން. ތަރައްގީއަކީ ވަކިން އޮވެގެން އަންނަ އެއްޗެއް ނޫން. އެއީ ލީޑަޝިޕާއި، ފުރުސަތުތަކާއި، މަސައްކަތް އެކުވުމުން އަންނަ ބަދަލެއް."
އޭނަ ވިދާޅިވީ އަދީލަށް ޒުވާނުންގެ މައްސަލަތަކާއި، ތައުލީމާއި، ވަޒީފާގެ ފުރުސަތުތަކާއި، މުޖުތަމައު ބާރުވެރިކުރުވުމާއި، ޖުމްލަކޮށް އައްޑޫގައި ހުރި ހުރިހާ މައްސަލައެއް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
"އައްޑޫ ސިޓީ އަށް ބޭނުންވަނީ އިތުރު ސިޔާސީ ބައިބައިވުންތަކެއް ނޫން. ބޭނުން ވަނީ ނަތީޖާ. އައްޑޫ ސިޓީ އަށް މިއަށް ވުރެ ރަނގަޅު ހިންގުމެއް، ވަރުގަދަ މުއައްސަސާތަކެއް، ހަގީގީ ތަރައްގީއެއް، އަދި ކަންކަން ކުރަން ދަންނަ މޭޔަރަކު ހައްގުވާކަމަށް ގަބޫލު ކުރައްވާ ނަމަ، ތިޔަ ބޭފުޅުންގެ ވޯޓު ދެއްވަންވީ އަހުމަދު އަދީލް ނަސީރަށް.،" އަޒާން ވިދާޅުވި އެވެ. "މިއީ ހަމައެކަނި ވަކި ފަރުދަކަށް ދެވޭ ވޯޓެއް ނޫން. މިއީ ބަދަލަށާއި، ގާބިލުކަމަށާއި، އައްޑޫ ސިޓީ ފަޚުރުވެރި ވާނެ މުސްތަގުބަލަކަށް ދެވޭ ވޯޓެއް."
މިހާރުގެ ކައުންސިލަށް އަޒާން ފާޑު ވިދާޅުވި އިރު، އޭނަ މަޖިލީހަށް ހޮވުވަޑައިގަތީ ސިޓީ ކައުންސިލްގެ މެންބަރަކު ބަލިކުރައްވައިގެންނެވެ. އެއީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވި ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއުއާ އެވެ.