ވެރިކަން ކުރާ ޕީއެންސީން އައްޑޫ ސިޓީ ކައުންސިލްގެ ގޮނޑިތަކަށް ވާދަކުރަން ލަދު ގަންނަން ޖެހޭނެ ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ މޭޔަރު ކަމަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވަން ނިންމާފައިވާ ޑރ. އަދީލް ނަސީރަށް ތާއީދު ކުރައްވައި މިހާރުގެ ކައުންސިލަށް ފާޑު ވިދާޅުވެ ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު އަޒާން ކުރެއްވި ޕޯސްޓެއްގެ ރައްދުގައި މޭޔަރު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް ކައުންސިލްތައް ބަލިކަށިކޮށް ނިކަމެތިކުރި އިރު އެކަން ކުރުމުގައި އައްޑު އަށް ނިސްބަތްވާ ޕީއެންސީގެ މަޖިލިސް މެމްބަރުން ހިމެނިވަޑައިގަންނަވާ ކަމަށެވެ.
"[އެހެންވެ] ޕީއެންސީން [ހަގީގަތުގައި] ކައުންސިލްގެ ގޮނޑިތަކަށް ވާދަ ކުރަން ލަދު [ވެސް] ގަންނަން ޖެހޭ،" ނިޒާރު ވިދާޅުވި އެވެ. އައްޑޫ ސިޓީ ކައުންސިލަކީ ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް ނަމޫނާ ދެއްކި ކައުންސިލެއް. ކައުންސިލާ ގުޅިގެން މަސައްކަތް ކުރުމުގެ ވިސްނުމާއި ފިކުރު ނެތީ ސަރުކާރުގެ ވެރިންގެ ކިބައިގައި."
އަޒާން ކުރިން ނޫސްވެރިއެއްގެ ގޮތުގައި ކުރެއްވި މަސައްކަތްތަކަށް އިޝާރާތް ކުރައްވައި މޭޔަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިޒް ވެރިކަމަށް ގެންނަން މީޑިއާ ބޭނުންކޮށް ބޮޑެތި ދޮގުތައް ހައްދަވައި ރައްޔިތުން އޮޅުވާލާފައި ވާކަން އެއީ ވެސް ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.
"އައްޑޫ ސިޓީ ރޫޅާލުމަށް ތާއިދުކޮށް އެ ވިސްނުން ވިއްކަން ދެއްކި ވާހަކަ ހަދާން ނެތޭނެ ކަމަށް ވިސްނުމަކީ ބަލި ވިސްނުމެއް. ސިޓީގެ ތަސައްވުރަށް ފިޓް ނުވާ ވިސްނުމާއި އެކު ސިޓީ ހިންގާނެ ގޮތް ހޯދޭނެތޯ؟" ނިޒާރު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ މިހާރުގެ އޮތް ކައުންސިލްގެ ދައުރު ނިންމާލަނީ ކާމިޔާބީތައް ހޯދައި އުފަލާ އެކު ކަމަށެވެ.
"ކައުންސިލްއިން ހޯދި ކާމިޔާބީގެ ތަފްސީލާ އެކު ، ލާމަރުކަޒުކޮށްގެން އަތޮޅުތަށް ހިންގަން ފަރިތަ ބަޔަކު ރައްޔިޔުންނަށް ބުނެ ދިނުމާ އެކު އައްޑޫ ސިޓީ ކައުންސިލުން ހޯދި ކާމިޔާބީތަކުގެ ތަފްސީލް ވެސް ހިމަނައި ރައްޔިތުންނަށް ހާމަވާނެހެން ރަނގަޅު ބަހުސަކަށް ޕީއެންސީގެ ފިކުރަށް ދައުވަތު [ވެސް] އަރުވަން." އެމްޑީޕީގެ ޓިކެޓްގައި މޭޔަރުކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވާ ނިޒާރު ވިދާޅުވި އެވެ.