Last Updated: June 6, 18:02
Saturday, June 6, 2026
މުނިފޫހިފިލުވުން

'ރާޒް' ގެ ދެވަނަ ބައެއް ހަދަން ހުށަހަޅައިފި

ބޮލީވުޑްގެ އެންމެ ކާމިޔާބު ލޯބީގެ ބިރުވެރި ފިލްމުތަކުގެ ތެރޭގައި ހިނެނޭ "ރާޒް" ގެ ދެވަނަ ބައެއް ހަދަން އެ އުފެއްދި ސްޓޫޑިއޯ އަށް ހުށަހަޅާފައިވާ ކަމަށް ފިލްމުގެ ބަތަލު ޑީނޯ މޯރިއާ ބުނެފި އެވެ.

ދެހާސް ދޭއްގައި ރިލިޒްކުރި "ރާޒް" އަކީ ބަޓް ކޭމްޕްގެ ވިޝޭޝް ފިލްމްސް އާއި ޓިޕްސް ގުޅިގެން ގެނެސްދިން ފިލްމެކެވެ. މަހޭޝް ބަޓްގެ ސްކްރީންޕްލޭއަކަށް ފިލްމު ޑައިރެކްޓްކުރީ ވިކްރަމް ބަޓެވެ. މި ފިލްމު ހެދީ ހޮލީވުޑްގެ 2000 ވަނަ އަހަރުގެ "ވަޓް ލައިސް ބިނީތު" އަސްލަކަށް ބަލައިގެންނެވެ.

ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި "ރާޒް" ގެ ލީޑް ކުޅުނީ ޑީނޯ އާއި ބިޕާޝާ ބާސޫ އެވެ. އަދި މީގެ މުހިއްމު ރޯލުތަކެއް މާލިނީ ޝަރުމާ އާއި އަޝުތޯޝް ރާނާ ވެސް ކުޅުނެވެ.

ޑީނޯގެ ކެރިއަރުގެ އެންމެ ބޮޑު ސޯލޯ ހިޓްގެ ގޮތުގައި އޮތް "ރާޒް" އާ ބެހޭ ގޮތުން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އޭނަ ބުނީ އެ ފިލްމުގެ ނިމުން އޮތީ ދެވަނަ ބައެއް ގެނެސްދެވޭނެ ގޮތަށް ކަމަށެވެ. އަދި ދެވަނަ ބައިގެ ވާހަކަ ކުރިއަށް ގެންދާނެ ގޮތުގެ ވަރަށް ޝައުގުވެރި ހިޔާލެއް ވެސް އޭނަގެ އޮތް ކަމަށް ބުންޏެވެ.

"އެހެންވެ އަހަރެން މިހާރު އެ އައިޑީއާ ފިލްމުގެ ޓީމާ ހިއްސާ ވެސް ކޮށްފިން. އަހަރެން ވަރަށް ބޭނުންވާ ރާޒްގެ ދެވަނަ ބައެއް ހަދަން. ފުރަތަމަ ބައި ނިންމާފައި އޮތީ އަހަންނާއި ބިޕާޝާ ކުޅުނު ކެރެކްޓާތަކަށް ދެން ވާނެ ގޮތެއް ބެލުންތެރިން ވަރަށް އެނގެން ބޭނުންވާނެ ކަހަލަ ގޮތަކަށް،" ޑީނޯ ބުންޏެވެ. "އެހެންވެ އަހަންނަށް ގަބޫލު ކުރެވޭ ވަރަށް ކާމިޔާބު ދެވަނަ ބައެއް ވެސް ގެނެސްދެވިދާނެކަން. އެކަމަކު އެކަން ނިންމާނީ ފިލްމުގެ ރައިޓްސް އޮތް ފަރާތުން."

އޭނަ ބުނި ގޮތުގައި "ރާޒް" ގެ ދެވަނަ ބައި ހަދާ ނަމަ ހަދަން ވާނީ އޮރިޖިނަލް ކާސްޓް ވެސް ހިމަނައިގެން ކަމަށެވެ. އެހެންވެ އެފަަދަ އިޝާރާތެއް ލިބޭނެކަމުގެ އުންމީދުގައި ހުރި ކަމަށް ޑީނޯ ބުންޏެވެ.

ވަރަށް މަޝްހޫރުވި ލަވަތަކެއް ވެސް ހިމެނޭ "ރާޒް" އަކީ އެންމެ 5 ކްރޯޑް ރުޕީސް( 556،500 ޑޮލަރު) ގެ ބަޖެޓަކުން ހެދި ފިލްމެކެވެ. ފިލްމަށް ބޮކްސް އޮފީހުގައި 37.59 ކްރޯޑް ރުޕީސް (4.2 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނެވެ.

"ރާޒް" ގެ ބޮޑު ކާމިޔާބީ އަށް ފަހު، އެ ނަމާ ގުޅުވައިގެން އެކަމަކު ކުރީގެ ބައިގެ ވާހަކައާ އެއްވެސް ގުޅުމެއް ނެތް ގޮތަށް ބަޓް ކޭމްޕުން އިތުރު ފިލްމުތަކެއް ވެސް ގެނެސްދީފައިވެ އެވެ. އެއީ ކަންގަނާ ރަނާވަތާއި އިމްރާން ހާޝިމީ އާއި އަދިޔަމަން ސުމަންއާ އެކު ޑައިރެކްޓަރު މޯހިތު ސޫރީ 2009 ގައި ގެނެސްދިން "ރާޒް: ދަ މިސްޓްރީ ކޮންޓިނިއުސް" ގެ އިތުރުން ވިކްރަމް ޑައިރެކްޓްކޮށް، ބިޕާޝާ އާއި އިމްރާން އަދި އީޝާ ގުޕްތާ ލީޑް ކުޅުނު 2012 ގެ "ރާޒް 3ޑީ" ގެ އިތުރުން އިމްރާނާއި ކްރިތީ ކަރްބަންދާ އަދި ގޯރަވް އަރޯރާއާ އެކު 2016 ގައި ގެނެސްދިން "ރާޒް: ރީބޫޓް" އެވެ.