އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި 152 ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެ ޕާޓީގެ ޕްރައިމަރީ އަޮންނާނީ އަންނަ މަހުގެ 16 ގަ އެވެ.
ޕްރައިމަރީގައި ވާދަކުރަން ހުޅުވާލި ފުރުސަތުގައި އިންތިޚާބުކުރަން ޖެހޭ އަދަދަށް ވުރެ އިތުރަށް ކުރިމަތިލާފައިވާ ދާއިރާތަކުގައި ޕްރައިމަރީ ބޭއްވުމަށް އެ ޕާޓީން އާންމުކޮށްފަ އެވެ. އޭގެ ތެރޭގައި ކައުންސިލްތަކުގެ މެންބަރުންނާއި ރަށު ކައުންސިލް ރައީސުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުން އަދި މެންބަރުން ހިމެނެ އެވެ.
އެމްޑީޕީން އިއުލާންކޮށްފައިވާ ގޮތުގައި އެ ޕާޓީން ސިޓީތަކުގެ މޭޔަރުންނަށް ޓިކެޓް ދިނުމަށް ޕްރައިމަރީ ބާއްވާނީ ދެ ސިޓީއެއް ގައެވެ. އެއީ މާލެ ސިޓީ އާއި ތިނަދޫގަ އެވެ. އެއިން ކޮންމެ ސިޓީއަކަށް ވެސް ދެ ކެންޑިޑޭޓުން ކުރިމަތިލާފައިވެ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ އެޕްރީލް 4 ގަ އެވެ.
މި އިންތިޚާބުގައި ޖުމްލަ 226 ދާއިރާއަކުން، ކައުންސިލްތަކުގެ މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން އިންތިޚާބު ކުރާނެ އެވެ.