ޝާހްރުކް ޚާންގެ އާ ފިލްމު "ކިންގް" ރިލީޒް ކުރާނީ އަންނަ އަހަރުގެ ޑިސެމްބަރު 4 ގައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި އެކްޝަން ތުރިލާ އަކީ އޭނަގެ ރެޑް ޗިލީސް އެންޓަޓައިންމަންޓާއި ފިލްމުގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ މާފްލިކްސް ޕިކްޗާސް ގުޅިގެން ހަދާ ފިލްމެކެވެ. "ކިންގް" ގެ ޝޫޓިން ކުރިއަށްދާތާ ދުވަސްތަކެއްވެފައިވާ އިރު، ބައެއް މީޑިއާތަކުން ބުނީ ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ ތާރީހެއްގެ ގޮތުގައި އަންނަ އަހަރުގެ ޑިސެމްބަރު 4 ހަމަޖައްސާފައިވާ ކަމަށެވެ.
އެކަމަކު ފިލްމުގެ ޓީމުން އެކަން އަދި ކަށަވަރުކޮށެއް ނުދެ އެވެ.
ބޮޑު ކާސްޓެއް ވެސް ހިމެނޭ "ކިންގް" ގައި ޝާހްރުކްގެ ދަރިފުޅު ސުހާނާ ޚާން ވެސް ހިމެނެ އެވެ. މިއިން ފެންނާނެ ތަރިންގެ ތެރޭގައި ދީޕިކާ ޕަދްކޯން، އަބީޝެކް ބައްޗަން، ރާނީ މުކަރްޖީ، އަނިލް ކަޕޫރް، އަރުޝަދު ވަރްސީ، ޖެކީ ޝްރޮފް، ސޯރަބް ޝުކްލާ، ރާގަވް ޖުޔަލް، ޖައިދީޕް އަހުލުވާތު، އަކްޝޭ އޮބެރޯއީ އަދި ކަރަންވީރު މަލްއުތުރާ ހިމެނެ އެވެ.
މިދިޔަ މަހުގެ 2 ގައި ފާހަގަކުރި ޝާހްރުކްގެ 60 ވަނަ އުފަން ދުވަހު "ކިންގް" ގެ ޓީޒާއެއް ދައްކާލާފައިވާ އިރު، މި ފިލްމަކީ 2023 ގެ "ޕަތާން" އަށް ފަހު ޝާހްރުކާއި ސިދާތު އެކީގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.
ޝާހްރުކްގެ އެންމެ ފަހުގެ ފިލްމަކީ އެ އަހަރުގެ "ޑަންކީ" އެވެ. އޭނަ އަށް އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް އަލަށް މި އަހަރު ލިބުނު ފިލްމު "ޖަވާން" އަކީ 2023 ގެ ފިލްމެކެވެ.