މިދިޔަ މަހުގެ ތެރޭގައި ސްރީ ލަންކާ އަށް އެރި ތޫފާނާ ގުޅިގެން ލިބުނު ގެއްލުންތަކަށް އެހީވުމުގެ ގޮތުން އިންޑިއާ އެ ގައުމަށް 450 މިލިއަން ޑޮލަރު އެހީގެ ގޮތުގައި ދޭން ނިންމައިފި އެވެ.
މިކަން މިއަދު އިއުލާންކޮށްފައި ވަނީ އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ލަންކާ އަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރޭގަ އެވެ.
އޭނަ މިއަދު ވަނީ ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކައާ ވެސް ބައްދަލު ކުރައްވައިފަ އެވެ.
އިންޑިއާ އިން ލަންކާ އަށް ދޭން ނިންމީ 450 މިލިއަން ޑޮލަރުގެ އެހީގެ ތެރެއިން 350 މިލިއަން ޑޮލަރަކީ ކޮންސެޝަނަލް ލައިންސް އޮފް ކްރެޑިޓްގެ ދަށުން ދޭން ނިންމި އެހީއެކެވެ. އަދި ބާކީ 100 މިލިއަން ޑޮލަރަކީ ގްރާންޓެވެ.
ލަންކާ އަށް އިންޑިއާ އިން ދޭން ނިންމި އެހީ އަކީ އެ ގައުމަށް "ދިތުވާ" ތޫފާނުގައި އުމްރާނީ ގޮތުން ލިބުނު ގެއްލުންތަކާއި އެ ގައުމުގެ ސިއްހަތާއި ތައުލީމާއި ދަނޑުވެރިކަން ފަދަ ދާއިރާތަކަށް ލިބުނު ގެއްލުންތަކުން އަރައިގަތުމުގެ މަސައްކަތްތަކަށް އެހީވުމުހެ ގޮތުން ދިން އެހީއެކެވެ.
އިންޑިއާ އަކީ ތޫފާނުގެ ތެރޭގައި ލަންކާ އަށް ޒަރީރު އެތައް ސާމާނެއްގެ އެހީވެފައިވާ ގައުމެކެވެ.
ނޮވެމްބަރު މަހުގެ ފަހުކޮޅު ލަންކާ އަށް އެރި ތޫފާނުގައި ލިބުނު ގެއްލުންތަކުގެ އަގު 4.1 ބިލިއަން ޑޮލަރަށް އަރާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.