ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޓެކްސީ ޑްރައިވާސް އެސޯސިއޭޝަނާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުވުމުގައި ވަނީ، ޓެކްސީގެ ޚިދުމަތް ދިނުމުގައި ކުރިމަތިވާ ދަތިތައް ޙައްލު ކުރެވޭނެ ގޮތްތަކާއި، މި ޚިދުމަތް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރައްވާފަ އެވެ.
މި ބައްދަލުވުމުގައި އެސޯސިއޭޝަނުން ހުށަހެޅުއްވި ބައެއް ކަންކަމުގެ ތެރޭގައި ޓެކްސީ ކުރުމަށް ގެނެވޭ ވެހިކަލް ރަޖިސްޓްރީކުރުމާއި ޕާކު ކުރުން ކުރީއްސުރެ ހިނގަމުން އައި ގޮތަށްވުރެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖައްސެވުމަށް ކުރެއްވިދާނެ ކަންކަމާއި، މާލޭގެ ޓްރެފިކް މައްސަލަތައް މަދުކުރުމަށް މިހާރުން މިހާރަށް ގެންނަން ފެންނަ ބަދަލުތައް ހިމެނެ އެވެ.
މީގެ އިތުރުން ސަރުކާރުން ފަށާ ޓެކްސީ ލައިނާ ގުޅޭގޮތުން، ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަނުގެ ޚިޔާލުތައް ރައީސްއާއި ހިއްސާކުރެއްވި އެވެ. އަދި، ޓެކްސީ ޑްރައިވަރުންގެ ދަފްތަރާ ގުޅޭގޮތުންވެސް ވަނީ ބިނާކުރަނިވި މަޝްވަރާތަކެއް ކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ޓްކްސީ ޑްރައިވަރުންގެ ކަންކަން ރަނގަޅުކުރެއްވުމަށްޓަކައި ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގެ މުހިއްމުކަން ފާހަގަކުރެއްވި އެވެ. އަދި ޓެކްސީ ޑްރައިވަރުންނަށް ފަހިކޮށްދެއްވުމަށް ސަރުކާރުން ވިސްނަވާ މުހިންމު ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުވައިލެއްވި އެވެ. ޓެކްސީ ޑްރައިވަރުންނާއި، ޓެކްސީ ޚިދުމަތް ފޯރުކޮށްދޭ އެހެނިހެން ފަރާތްތައް ޝާމިލްވާގޮތަށް، ޓެކްސީ ޑްރައިވާސް އެސޯސިއޭޝަނުން ފާހަގަކުރެއްވި ކަންތައްތައް ޙައްލު ކޮށްދެއްވަން މަސައްކަތްކުރައްވާނެކަމަށް މި ބައްދަލުވުމުގައި ރައީސް ވަނީ ވިދާޅުވެފަ އެވެ.