Last Updated: July 8, 21:12
Wednesday, July 8, 2026
ޚަބަރު

މީހުން ދިރިއުޅޭ ރަށްތަކުގައި ރަލާއި އޫރުމަސް ވިއްކަން ހުއްދައެއް ނުދޭނެ

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ތޯރިގު އިބްރާހިމް - ފޮޓޯ: ރައީސް އޮފީސް

މީހުން ދިރިއުޅޭ ރަށްތަކުގައި ރަލާއި އޫރުމަސް ވިއްކަން ސަރުކާރުން ހުއްދަ ނުދޭނެ ކަމަށް، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ތޯރިގު މިހެން ވިދާޅުވެފައިމިވަނީ ރިސޯޓްތަކުގައި ވިއްކާ "ތަކެތި" މީހުން ދިރިއުޅޭ ރަށްރަށުން ނުލިބުމަކީ ބޭއިންސާފެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ. ބައެއް މީހުން ސިފަކުރާ ގޮތުގައި ނަޝީދު ގޮވާލެއްވީ ރަލާއި އޫރުމަސް ހުއްދަކުރުމަށެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން މިނިސްޓަރު ތޯރިގު ވިދާޅުވީ މީހުން ދިރިއުޅޭ ރަށްތަކުގައި ރަލާއި އޫރުމަސް ވިއްކުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އަދި އެއީ ސަރުކާރުގެ ސިޔާސަތެއް ވެސް ނޫން ކަމަށެވެ. އަދި ބައެއް ސަފާރީތަކުން މީހުން ދިރިއުޅޭ ރަށްތަކަށް ބަނގުރަލުގެ ބާވަތްތައް ބޭލުމަކީ ދޭތެރެއަކުން ޖެހޭ މައްސަލައެއް ކަމަށާއި އެފަދަ ކަންކަމަށް ހައްލު ގެނައުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށް ތޯރިގު ވިދާޅުވި އެވެ.

"ލޯކަލް ޓޫރިޒަމްގައި، ލޯކަލް ރަށްރަށަކަކީ ޑްރައި ޓޫރިޒަމެއް. އޫރުމަހެއް ރަލެއް ހުރެގެން ނުވާނެ،" ތޯރިގު ވިދާޅުވި އެވެ.

ރާއްޖޭގައި ލޯކަލް ޓޫރިޒަމްގައި ރަސްކަން ކުރަމުން އަންނަ ކ. މާފުށި "ހާޓް އޮފް މޯލްޑިވްސް "ގެ ނަމުން ބްރޭންޑް ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަމުން ނަޝީދު ވިދާޅުވީ ރާއްޖޭގެ ކަންކަން މިވަގުތު ހަމަޖެހިފައިވާ ގޮތުން، ރިސޯޓު ފަހަރުގައި ޓޫރިސްޓުންނަށް ދޭ ޚިދުމަތްތަކާއި ވިއްކާ ތަކެތި، ބޮޑެތި ހޮޓާތަކުން ނުދެވުމަކީ ބޭއިންސާފެއް ކަމަށެވެ.

"އެ ހަމަހަމަކަން ގެނައުމަށް އަޅުގަނޑުމެން ވިސްނާންޖެހޭނެ. އެކަމަށް ވިސްނާންޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ، މިހާރު މި ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން އަންނައިރު، މި މާފުށްޓަށް އެބަ ފައިބާ ދެ ލައްކަ މީހުން އައިސްފައި ގޮސްފައި. އެއީ، ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ވިހި ޕަސެންޓް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ މި ވާހަކަތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އެމަނިކުފާނަށް ވަނީ އަމާޒުވެގެން ގޮސްފަ އެވެ.