އަންނަ މަހުގެ ތެރޭގައި ޝޫޓިން ފަށަން ތައްޔާރުވަމުން ދަނިކޮށް، ޑައިރެކްޓަރު ފަރުހާން އަޚްތަރުގެ "ޑޮން 3" އިން އޭގެ ލީޑް އެކްޓަރު ރަންވީރު ސިންގް ވަކިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުގައި މި ވާހަކަ މިއަދު ހޫނުކޮށް ދެކެވެމުން އަންނަ އިރު، ރަސްމީކޮށް މިކަން އަދި ކަށަވަރުވާ ގޮތެއް ނުވެ އެވެ. ބައެއް މީޑިއާތަކުން ބުނީ ރަންވީރު "ޑޮން 3" ދޫކޮށްލީ އިންޑިއާގެ ބޮކްސް އޮފީހުގައި މިހާރު ރަސްކަން ކުރަމުން އަންނަ އޭނަގެ އެކްޝަން ސްޕައި ތުރިލާ "ދުރަންދަރު" ބޮކްސް އޮފީހުގެ ރެކޯޑްތައް މުގުރަމުން އަންނަ އިރު، ކުރިއަށް އޮތް ތަނުގައި ވަރުގަދަ ބޮޑެތި ޕްރޮޖެކްޓްތަކެއް އިސްކަން ދޭން ނިންމާފައިވާތީ އެވެ.
ރަންވީރު ޓައިޓްލް ރޯލު ކުޅޭ ގޮތަށް "ޑޮން 3" އިއުލާންކުރީ 2023 ގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.
މި ފިލްމުގެ ޝޫޓިން ނުފެށި ދިގުލައިގެން ގޮސްފައި އޮތުމަށް ފަހު، އަންނަ މަހު ޝޫޓިން ފަށަން ތައްޔާރީތައްވެފައިވާ ވާހަކަ ދެކެވެމުން ދަނިކޮށް، ރަންވީރު މި ފިލްމު ދޫކޮށްލިކަމުގެ ވާހަކަ ދެކެވެމުން އަންނަ އިތު، ކުރިން ފިލްމުގެ ލީޑް ބަތަލާއަކަށް ނެގި ކިއާރާ އަދުވާނީ ވެސް ފިލްމު ދޫކޮށްލި ވާހަކަތަކެއް އޮތީ ދެކެވިފަ އެވެ.
އެކަން މިހާތަނަށް ކަށަވަރު ނުވެ އޮތް އިރު، ރިޕޯޓްތައް ބުނާ ގޮތުން "ޑޮން 3" ގެ ބަތަލާގެ ރޯލު ވަނީ ކްރިތީ ސެނަން އަށް ދީފަ އެވެ.
ފިލްމުގެ ލީޑް ދެ ތަރިން ފިލްމު ދޫކޮށްލި ވާހަކަތަކެއް ދެކެވުމުގެ ކުރިން މީގެ ވިލަންއަކަށް ނެގި ވިކްރާންތު މަސީ ވެސް "ޑޮން 3" ގައި ހިއްސާ ނުވާން ނިންމި ވާހަކަތަކެއް މި ފަހުން ދެކެވިފައި އެވެ. އެކަމަކު ރިޕޯޓްތައް މިހާރު ބުނާ ގޮތުން އޭނަ މިހާރު ނިންމާފައި ވަނީ ފިލްމުން ލިބުނު ފުރުސަތުގެ ބޭނުން ހިފުމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ޑޮން 3" ދޫކޮށްލުމަށް ފަހު، މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯންގެ ފިރިމީހާ، ރަންވީރު ދެން ކުޅޭނީ އޭނަގެ "ޑްރީމް ޕްރޮޖެކްޓެއް" ގެ ގޮތުގައި އޮތް ޒޮމްބީ ފިލްމު "ޕްރަލޭ" އެވެ. އެއީ މަޝްހޫރު ޑައިރެކްޓަރު ހެންސަލް މެހެތާގެ ދަރިފުޅު ޖޭ މެހެތާ ހަދަން ހަމަޖެހިފައިވާ ފިލްމެކެވެ. ވަރުގަދަ ބޮޑު ފިލްމެއްގެ ގޮތުގައި ހަދަން ނިންމާފައިވާ "ޕްރަލޭ" ގެ މަސައްކަތް ފަށަން ކުރިން ޕްލޭންކޮށްފައި އޮތީ އަންނަ އަހަރުގެ މެދުތެރޭގަ އެވެ. އެއީ ރަންވީރު "ޑޮން 3" ނިންމުމަށް ފަހު އެވެ.
މި ފިލްމާ ބެހޭ ގޮތުން މިހާރު ދެކެވޭ ވާހަކައާ ބެހޭ ގޮތުން ވަރަށް ގިނަ ބަޔަކު މިހާރު ތިބީ ޑައިރެކްޓަރު ފަރުހާންގެ ބަހެއްގެ އިންތިޒާރުގަ އެވެ. އޭނަ އަކީ ޝާހްރުކް ޚާނާއި ޕްރިޔަންކާ ޗޯޕްޅާ ހިމަނައިގެން "ޑޮން" ގެ ކުރީގެ ދެ ފިލްމު ގެނެސްދިން ޑައިރެކްޓަރެވެ. އެއީ 2006 އާއި 2011 ގަ އެވެ.