Last Updated: July 8, 21:12
Wednesday, July 8, 2026
ޚަބަރު

މަގާމުގައި ހުރެ ޕްރައިމަރީގައި ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރާނަން

ޕާޓީގެ ރައީސްގެ މަގާމުގައި ހުރެ ވަކި ކެންޑިޑޭޓަކަށް އެތެރޭގެ އިންތިހާބެއްގައި ތާއީދު ކުރުމަކީ ގަބޫލުކުރާ އުސޫލެއް ނޫން ކަމަށް އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވެފައިމިވަނީ މާލޭގެ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ނެރޭނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި މެދު ހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމަށް ޝާހިދު ތާއީދުކުރައްވަން ނިންމާފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ޕާޓީގެ ރައީސްގެ މަގާމުގައި ހުރެ ވަކި ކެންޑިޑޭޓަކަށް އެތެރޭގެ އިންތިހާބެއްގައި ތާއީދު ކުރުމަކީ ގަބޫލުކުރާ އުސޫލެއް ނޫން ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކާމިޔާބީއަށް ޝާހިދު ވަނީ އެދިވަޑައިގެންފަ އެވެ.

އެމްޑީޕީގެ ޓިކެޓް ކާމިޔާބު ކުރާ ހުރިހާ ބޭފުޅުންނާއި އެކު ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީ އަށް ކާމިޔާބުކޮށްދިނުމަށް ހުރިހާ މަސައްކަތެއް ކުރުމަށް ތައްޔާރަށް ހުރި ކަަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

"މާތް اللهގެ ހެޔޮ ރަހްމަތްފުޅުން މި އިންތިހާބު އެމްޑީޕީ އަށް ބޮޑުކޮށް ކާމިޔާބު ކުރެވޭނެ," ޝާހިދުގެ ޕޯސްޓްގައި ވިދާޅުވި އެވެ.

މާލޭގެ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ނެރޭނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ފޯރިވަނީ ގަދަވެފަ އެވެ. އެ ޕްރައިމަރީގައި އާޒިމްއާ ވާދަކުރައްވަނީ މާލޭގެ މިހާރުގެ މޭޔަރު އާދަމް އާޒިމް އެވެ.

ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ 16 ގަ އެވެ.