Last Updated: July 8, 21:12
Wednesday, July 8, 2026
ޚަބަރު

އައްޑޫގައި ރޭސިން ޓްރެކެއް އަޅަނީ

އައްޑޫ ސިޓީގައި ރޭސިން ޓްރެކެއް އެޅުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޒުވާނުންނާއެކު ރޭ ބޭއްވި "ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް" އިވެންޓުގައި ވާހަކަފަޅުދައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ވައުދުފުޅުގެ ދަށުން ދެ ރޭސިން ޓްރެކެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށާއި އެއީ މާލެ އާއި އައްޑޫ ސިޓީގައި ކަމަށެވެ.

"މާލެ ސަރަހައްދުގައި ރޭސިން ޓްރެކް އަޅަން އެންމެ ފީސިބަލް ތަނަކަށް މި ނިންމީ މާލެއިން ހުޅުމާލެއަށް ދާން މި އޮންނަ ހައިވޭގެ ބޭރުން ރޭސިން ޓްރެކެއް ގާއިމުކުރުން. އެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްފައިވަނީ އެތަނުގައި ރޭސިން ޓްރެކެއް ގާއިމުކުރަން ކުރަން ޖެހޭ މަސައްކަތްކުރުމަށްޓަކައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މީހުން އުޅޭ ތަނެއްގައި ރޭސިން ޓްރެކް ހަދައިފިއްޔާ މީހުންނަށް ވަރަށް ބޮޑަށް އުނދަގޫވާ ކަމަށާއި މީގެ ކުރިން ހުޅުމާލޭގައި ރޭސިންއަށް ފުރުސަތު އޮތް އިރުގައި، އެކި ކަހަލަ އެކްސިޑެންޓުތައް ހިނގާފައިވާ ކަމަށެވެ.

އައްޑޫގައި ރޭސިން ޓްރެކް ހަދާނީ ބޭރުގެ އެހީއާއެކު ކަމަށާއި އެކަމަށް ފައިސާ ހޯދުމަށް މިހާރު އެދިފައިވާ ކަމަށެވެ. އަދި އެކަން ހަމަޖެހުމުން އައްޑޫގެ ރޭސިން ޓްރެކްގެ މަސައްކަތް ފެށޭނެ ކަމަށް ވެސް ވިދާޅުވި އެވެ.