Last Updated: July 8, 21:12
Wednesday, July 8, 2026
ކުޅިވަރު

ޕެލެސް ބަލިކޮށް އާސެނަލް ސެމީއަށް

ޕެނަލްޓީގައި 8-7 އިން ކްރިސްޓަލް ޕެލެސް ބަލިކޮށް އިނގިރޭސި ލީގު ކަޕްގެ ސެމީފައިނަށް އާސެނަލް ދަތުރުކޮށްފި އެވެ.

ލީގު ކަޕްގެ ސެމީގައި އާސެނަލް ބައްދަލުކުރާނީ ޗެލްސީއާ އެވެ. އަނެއް ސެމީގައި ބައްދަލުކުރާނީ މެންޗެސްޓާ ސިޓީ އާއި ނިއުކާސަލް ޔުނައިޓެޑެވެ. ސެމީގައި ދެ ލެގު އޮންނާނެ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ އާސެނަލުންނެވެ. މިއީ މެޗުގެ 80 ވަނަ މިނެޓްގައި ޕެލެސްގެ ޑިފެންޑަރު މެކްސެންސް ލަކްރޯޝް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

މި ގޯލާއެކު އާސެނަލް މޮޅުވާން ދަނިކޮށް މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޕެލެސްގެ ޑިފެންޑަރު މާކް ގޭހީ ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

މެޗުގެ 90 މިނެޓްގެ ކުޅުން ހަމަވިއިރު ދެ ޓީމުވެސް އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީންނެވެ. ޕެނަލްޓީގައި އާސެނަލުން ޖެހި 8 ޕެނަލްޓީ ވެސް ކާމިޔާބުކުރިއިރު، ޕެލެސް އަށް ކާމިޔާބު ނުކުރެވުނީ ލަކްރޯޝް ޖެހި ޕެނަލްޓީ އެވެ. އޭނާގެ ޕެނަލްޓީ އާސެނަލްގެ ކީޕަރު ކެޕާ ވަނީ މަތަކޮށްފަ އެވެ.

ލީގު ކަޕްގެ ސެމީގެ ފުރަތަމަ ލެގުގެ މެޗުތައް އޮންނާނީ އަންނަ މަހުގެ 14 އަދި 15 ގަ އެވެ. ދެވަނަ ލެގުގެ މެޗުތައް ކުޅޭނީ އަންނަ ފެބްރުއަރީ މަހުގެ ތިނެއް އަދި ހަތަރެއްގަ އެވެ.