ދުނިޔެ މަތީގައި ﷲ ތަޢާލާ މުއުމިނު އަޅާއަށް ޖައްސަވާ ކޮންމެ މުޞީބާތަކަށް ވެސް އޭނާ ކެތްތެރިވެއްޖެ ނަމަ އެ މުޞީބާތުގެ ޛަރީޢާ އިން އޭނާގެ ފާފަ ފުއްސަވައެވެ. އެއީ ފަޔަށް ކައްޓެއް ހެރުނު ކަމުގައި ވިޔަސް، ހުންއައުން ކަމުގައި ވިޔަސް މެ އެވެ. ބަލާ މުޞީބާތް ކުރިމަތިވުމުން ބަލާ މުޞީބާތްތަކާ ދިމާލަށް އެއްޗެހި ކިޔުމެއް ނެތެވެ. ފަހެ މުޞީބާތް ޖެހުމަކީ ގޯސް ކަމެއް ކަމުގައި ނުދެކޭށެވެ.
عن جَابِر بْنِ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُما أَنَّ أُمِّ السَّائِبِ قَالَتْ : الْحُمَّى لَا بَارَكَ اللَّهُ فِيهَا ، فَقَالَ النبي صلى الله عليه وسلم لها : ( لَا تَسُبِّي الْحُمَّى ، فَإِنَّهَا تُذْهِبُ خَطَايَا بَنِي آدَمَ كَمَا يُذْهِبُ الْكِيرُ خَبَثَ الْحَدِيدِ ) . رواه مسلم (2575)
އުންމު ސާއިބު ރަޟިޔަﷲ ޢަންހާ ބަލިވެ އުޅުއްވާތީ އެކަމަނާއަށް ޒިޔާރަތްކުރެއްވުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަޑައިގެންނެވި އެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ: مَا لَكِ تُزَفْزِفِينَ ކަމަނާ ކީއްވެގެންހޭ ތިޔަ ކުކުރަނީ؟
އުންމު ސާއިބު ރަޟިޔަﷲ ޢަންހާ: الْحُمَّى لَا بَارَكَ اللَّهُ فِيهَا މި ހުމުގެ ސަބަބުންނެވެ. ﷲ މިހުމަށް ބަރަކާތް ނުލައްވާށިއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ: لَا تَسُبِّي الْحُمَّى ، فَإِنَّهَا تُذْهِبُ خَطَايَا بَنِي آدَمَ كَمَا يُذْهِبُ الْكِيرُ خَبَثَ الْحَدِيدِ ކަމަނާ ހުމާ ދިމާލަށް އެއްޗެހި ނުގޮވާށެވެ. ފަހެ ހުމަކީ ދަގަނޑުގެ ދަމިލަ އަލިފާނުން ފިލުވައިލާ ފަދައިން، އާދަމުގެ ދަރިޔާގެ ފާފަތައް ފުހެލާ އެއްޗެކެވެ.
މި ޙަދީޘުން ލިބޭ ފައިދާތައް:
_ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ޞަޙާބީންނާ މެދު ބާއްވަވާ އޯގާތެރިކަން
_ ބަލިމީހުންނަށް ޒިޔާރަތް ކުރުމުގެ މުސްތަޙައްބުކަން
_ ބަލިމީހާގެ ޙާލާ ބެހޭގޮތުން ސުވާލުކުރުން ހުއްދަވެގެންވާ ކަން
_ ބަލިމީހުންނަށް ﷲ މަތިން ހަނދާންކޮށް ދިނުން
_ ބަލިމީހުންގެ ހިތަށް ފިނިކަން ވައްދައި ދިނުން
_ ބަލިމީހާ ބައްޔަށް ކެތްކޮށްފި ނަމަ، އޭނާއަށް ހުރި ފައިދާއާއި ޘަވާބާ ބެހޭ ގޮތުން ހަނދުމަކޮށް ދިނުން
_ ބަލިވީމާ ތަދާއި ވޭނާއި އުނދަގޫތައް ކުރިމަތިވި ކަމުގައިވިޔަސް އެކަށީގެންނުވާ ބަސްތައް ދުލުން ބޭރުކޮށްގެން ނުވާނެކަން
_ ކަންކަން ސާފުކޮށް ބުނެދޭ އިރު މިސާލާ އެކު މިސާލު ޖަހައިގެން ބުނެދިނުން
_ ﷲ އާ މެދު އަދަބު ބެހެއްޓުން، ﷲ ނުރުއްސަވާ ބަސްތައް ވެސް ނުބުނުން
_ ﷲ ގެ ޤަދަރަށް ރުހުމުގެ މުހިންމުކަން
ބަލީގެ ބައެއް ފައިދާތައް:
_ އިމްތިޙާން ކުރެވުން އަދި ކެތްތެރިވުމުގެ ޘަވާބު ދެއްވުން
_ ބައްޔަކީ ﷲ ލޯބިވެވޮޑިގެންވާ ކަމުގެ ޢަލާމާތެއް
_ ފުރިހަމަ ޞިއްޙަތުގެ ނިޢުމަތުގެ އަގު ވަޒަންކުރެވުން
_ ބައެއް ބަލިތަކުގައި މަރުވާ މީހުންނަކީ ޝަހީދުން
_ ބަލިމީހާއަށް ޒިޔާރަތްކުރުމުގެ ޘަވާބު އެހެން މީހުންނަށް ލިބޭ
_ ބައްޔަކީ މުއުމިނުންނަށް ވާ ރަޙްމަތެއް އަދި ސުވަރުގެ ވަދެވޭ ސަބަބެއް
_ ފާފަތައް ފުއްސަވާ ޠާހިރުކުރެއްވުން
_ ހިތުގެ ބަލިތައް ކަމުގައިވާ ބޮޑާކަމާއި ކިބުރުވެރިކަން ފިލައި ދިޔުން
ނޯޓް: މިއީ ޝައިހް މުހައްމަދު ޝާފިއުގެ ލިޔުއްވުމެކެވެ.