މިސްކިތްތައް އިސްލާމިކް މިނިސްޓްރީގެ ދަށަށް ގެނެއުން ވަރަށް މުހިއްމު ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޤަމަތް ދޭންވީމާ މިސްކިތުގެ ތެރޭގައި އެލާމްގެ އަޑުއިވުމަކީ ހުއްޓުވަންޖެހޭ ކަމެއް ކަމަށް ވިދާޅުވެ ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި، އާންމުންގެ މީހަކުވަނީ، މިހާރު އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ސިޓީ ކައުންސިލުން މިސްކިތްތައް ނުބަލަހައްޓާ މައްސަލަ ކަމަށް ބުނެ، މިސްކިތްތައް ވުޒާރާގެ ދަށަށް ނަންގަވާނީ ކޮންއިރަކުތޯ ސުވާލުކޮށްފަ އެވެ.
އޭގެ ޖަވާބުގައި ޝަހީމް ވަނީ އެއީ "ވަރަށް މުހިންމު ކަމެއް ކަމަށް" ކަމަށް ވިދާޅުވެފަ އެވެ.
ޝަހީމް އިއްޔެ ވަނީ މިސްކިތްތަކުގައި ކަންކަން ހިނގަމުންދާ ގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވާ، ތިން ޕޯސްޓެއް ކުރައްވާފަ އެވެ. އޭގެ ތެރެއިން ފުރަތަމަ ޕޯސްޓުގައި ވަނީ ސުތުރާގެ ނަމުގައި އެކި ގޮތްގޮތަށް އެއްޗެހި ހަދައިގެން މިސްކިތްތަކުގައި ބަހައްޓާފައި ހުންނާތީ އެކަން ހުއްޓުވަން ސިޓީ ކައުންސިލަށް ދަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ދެވަނަ ޕޯސްޓުގައި ވިދާޅުވެފައި ވަނީ ޤަމަތްދޭންވީމާ މިސްކިތުގެ ތެރޭގައި އެލާމްގެ އަޑުއިވުމަކީ ހުއްޓުވަންޖެހޭ ކަމެއް ކަމަށާއި ޤަމަތް ދިނުމުން އެވީ ސަފަށް އެތުރެން ކަމަށެވެ. އެކަމަށް ކޮންމެހެން އެލާމްގެ އަޑެއް އިވޭކަށް ނުޖެހޭނެ ކަމަށް ވިދާޅުވެ، ވަޒީރު ވަނީ މިސްކިތުގެ ހައިބަތާއި މަތިވެރިކަން ދަމަހައްޓަންވާނެކަން ހަނދައިންކޮށްދެއްވާފަ އެވެ.
ތިންވަނަ ޕޯސްޓުގައި ވަޒީރު ވަނީ، ބައެއް މިސްކިތްތަކުގެ ތެރޭގައި ގިނަ އަދަދަކަށް އެކި ޒާތްޒާތުގެ އަތަރުފުޅިތައް ވެސް ބަހައްޓާފައި ހުންނަތަން ފެންނަ ކަމަށާއި، ކޮންމެ ނަމާދަކަށް ސަފަށް އަރަންވީމާ އަތަރުލުމާއި ޖެހިގެން ހުރި މީހާގައިގައި ވެސް އަތަރު އުނގުޅުމާއި މިކަންކަމަކީ މިހާރަކަށް އައިސް ފެންނަކަންކަން ކަމަށް ވިދާޅުވެފަ އެވެ.
މިއީ ކޮންމެ ނަމާދަށް ފަށަން ސުންނަތުގައި އޮންނަ ކަމެއްނޫން ކަމަށާއި ގެއިން މިސްކިތަށް ދާއިރު ސާފުތާހިރުވެގެން ދިއުމަކީ ސުންނަތެއް ކަމަށާއި އަދި، އަޅުކަމުގެ ކުރިން ހުވަނދުލުން ޞައްޙަ ސުންނަތުން ސާބިތުވާ ދެ މަޤާމަކީ ޙައްޖާއި ޢުމްރާއަށް އިޙުރާމް ނިޔަތްގަތުމުގެ ކުރިންނާއި ހުކުރު ނަމާދަށް ދާއިރު ކަމަށާއި އެ ދެ ހާލަތުގައި ނޫން ގޮތަކަށް ވަކި އަޅުކަމަކާ ގުޅިގެން ކޮންމެ ފަހަރަކު އަތަރުލުމަކީ ސުންނަތުގައި އޮންނަ ކަމެއް ނޫންކަމަށް ވަޒީރު ވިދާޅުވި އެވެ.