Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

އައްޑޫގައި 'ރޯދަ ކާނިވާ' ބާޒާރު ބާއްވަނީ

ކުރިއަށް އޮތް ރޯދަ މަހަށް ހާއްސަކޮށްގެން އައްޑޫގައި "ރޯދަ ކާނިވަލް" ގެ ނަމުގައި ބާޒާރެއް ބާއްވަން ނިންމައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މި ބާޒާރު ބާއްވާނީ އަންނަ ފެބްރުއަރީ މަހުގެ 1-15 އަށް ހިތަދޫ ސްޓޭޖް ސަރަހައްދުގައި ކަމަށެވެ. އެހެންވެ މި ބާޒާރުގައި ތަކެތި ވިއްކަން ޝައުގުވެރިވާ ވިޔަފާރިތަކަށް ވަނީ އަންނަ މަހުގެ 8 އާ ހަމައަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

"ރޯދަ ކާނިވަލް" ބާޒާރުން ވިޔަފާރިތަކަށް 20 ފޫޓްގެ ސްޓޯލްތަކެއް ދޫކުރަން ހަމަޖެހިފައިވާ އިރު، ފީއެއްގެ ގޮތުގައި 1،500ރ. ނަގަން ހަމަަޖެހިފައިވެ އެވެ.

ކައުންސިލުން ބުނީ މި ބާޒާރުގައި ބައިވެރިވެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކާއި އޮންލައިން ވިޔަފާރިތަކާއ، ވިޔަފާރި ރެޖިސްޓަރީކޮށްފައިވާ ކުންފުނިތަކާއި އަމިއްލަ އަށް އުފެއްދުންތެރި ކާނާގެ ބާވަތްތަކުގެ ވިޔަފާރިތަކަށް ކަމަށެވެ. ބާޒާރުގައި ވިއްކޭނީ ރާއްޖޭގައި ވިއްކުން ހުއްދަކޮށްފައިވާ ތަކެއްޗެވެ.

ރޯދައާ ދިމާކޮށް 15 ދުވަހުގެ މުއްދަތަށް ބާއްވާ ބާޒާރުގައި ކުރިއަށް ގެންދަން ނިންމާފައި ވަނީ ބާއްވާ ދުވަސްތަކުގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށެވެ.

ކަލަންޑަރުގައިވާ ގޮތުން ކުރިއަށް އޮތް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ފެބްރުއަރީ މަހުގެ 17 އެވެ.

މި ފަހުން ރޯދައާ ދިމާކޮށް އައްޑޫގެ ވަކިވަކި އަވަށްތަކުން ވެސް ރޯދަ އަށް ހާއްސަކޮށްގެން ބާޒާރުތަކެއް ބާއްވަމުން އަންނަކަން ފާހަގަކޮށްލެވެ އެވެ. އަދި މިފަދަ ބާޒާތުތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ވެސް ލިބެ އެވެ.