މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރިސާޗު ކޮންފަރެންސް މިއަދު ފަށައިފި އެވެ.
ވިލާ ނޯޓިކާ ރިސޯޓުގައި ފެށި މި ކޮންފަރެންސްގައި ޖުމުލަ 240 ބައިވެރިން ބައިވެރިވެފައިވާ އިރު މިއީ މިހާތަނަަށް އެންމެ ގިނަ މީހުން ކޮންފަރެންސްގައި ބައިވެރިވި ފަހަރު ކަމަށް އެމްއެމްއޭއިން މައުލޫމާތު ދެއެވެ.
އެމްއެމްއިން އަލަށް ތައާރަފުކުރި އިކޮނޮމިކް އަދި ފައިނޭންޝަލް މެގަޒިން "ދި އައިލޭންޑް އިކޮނޮމިސްޓް" ވަނީ މި ކޮންފަރެންސްގެ ތެރެއިން ނެރެފަ އެވެ. މި މެގަޒިން ލޯންޗްކޮށްދެއްވީ ކޮންފަރެންސްގެ ޝަރަފުވެރި މެހެމާނު އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު އެވެ.
އޭގެއިތުރުން އެމްއެމްއޭގެ ރިސާޗު ޖާނަލް "މޯލްޑިވްސް ޖާނަލް އޮފް އިކޮނޮމިކްސް އެންޑް ފައިނޭންސް" ވަނީ ލޯންޗުކޮށްފަ އެވެ. މި ޖާނަލް ލޯންޗު ކޮށްދެއްވީ މެލޭޝިއާގެ އިންސީފް ޔުނިވާސިޓީގެ ޕްރޮފެސަރު އަދި އެސޯސިއޭޓް ޑީން ޑރ. އާއިޝަތު މުނީޒާ އެވެ.
މި ކޮންފަރެންސަގައި ވަނީ ތަމްވީލް ފިންލިޓް ފެސްޓިވަލް 2025 ގެ މުބާރާތްތަކުގެ ފައިނަލަށް ދިޔަ ފަރާތްތަކަށް ވަނަތަކާއި ފައިސާގެ އިނާމު ހަވާލުކޮށްފަ އެވެ.
އެމްއެމްއޭއިން ބުނާ ގޮތުގައި ތަމްވީލް ފިންލެޓް ފެސްޓިވަލް ޕްރޮގްރާމްގައި 140 ބައިވެރިން ބައިވެރިވި އެވެ. މީގެ ތެރެއިން ގިނައީ ސްކޫލް ދަރިވަރުންނެވެ. މި ޕްރޮގްރާމްގެ މަގުސަދަކީ މާލީ ހޭލުންތެރިކަން އިތުރުކޮށް، އިގުތިސާދީ ގޮތުން ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމެވެ.
މި ކޮންފަރެންސްގައި 40 ދިރާސީ ޕޭޕަރު ހުށަހަޅާ ފަރާތްތައް ބައިވެރިވި އެވެ. އޭގެ ތެރޭގައި 20 އަށްވުރެ ގިނަ ބައިނަލްއަގުވާމީ ދިރާސާވެރިން ހިމެނެ އެވެ. އޭގެއިތުރުން، އެމްއެމްއޭއަށް ރިސާޗު ފަންޑުތަކަށް 39 ހުށަހެޅުމާއި، މިއަދު ލޯންޗުކުރި އެމްއެމްއޭ މަޖައްލާ ދި އައިލޭންޑް އިކޮނޮމިސްޓް މަޖައްލާއަށް 20 ލިޔުން ލިބިފައިވެއެވެ.