Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

އެމްޕީއެލްގެ ހިދުމަތްތަކާ ގުޅޭ ގޮތުން ހިޔާލު ހޯދަނީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހިދުމަތްތައް ރަނގަޅުކުރުމަށްޓަކައި އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި އެވެ.

އެ ކުންފުނިން ބުނީ ހިޔާލު ހޯދުމުގެ މި ސާވޭއިން ލިބޭ ހިޔާލުތަކަށް ބިނާކޮށް، ކުންފުނީގެ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް މަގު ފަހިވެގެންދާނެ ކަމަށެވެ.

މި ހިޔާލު ހޯދުމުގެ ސާވޭ އަށް ހާއްސަކޮށްފައިވާ ފޯމްގައި އެމްޕީއެލްގެ ހިދުމަތް ފޯރުކޮށް ދެމުން އަންނަ ގޮތާ މެދު ހިތްހަަމަޖެހޭ މިންވަރާއި ކުންފުންޏާ ދޭތެރޭ އިތުރާބު އޮތް މިންވަރާއި ކުންފުނީގެ މަސައްކަތުގެ ސްޕީޑް އަދި ތަރުތީބުކަމާއި މަސައްކަތްކުރާ މިންވަރު ރޭޓް ކުރެވޭނެ އެވެ. އަދި ކަސްޓަމާ ސާވިސްއާ މެދު ދެކޭ ގޮތާއި ހިދުމަތް ލިބިގަތުމުގައި ދިމާވާ މައްސަލަ ހައްލުކޮށް ދިނުމުގައި ކުންފުނީގެ ފަރާތުން އަމަލުކޮށްފައިވާ ގޮތް ވެސް މި ސާވޭ އިން ދެނެގަންނާނެ އެވެ.

މީގެ އިތުރުން ހިދުމަތްތައް ފޯރުކޮށް ދިނުމުގައި އަދި ސިޔާސަތުތަކަށް ގެންނަ ބަދަލާ ބެ ހޭގޮތުން ރައްޔިތުންނަށް މައުލޫމާތު ހާމަކޮށް ދެމުން އަންނަ މިންވަރާއި އެމްޕީއެ ލްއިން އޮންލައިންކޮށް ފޯރުކޮށްދޭ ހިދުމަތްތަކާ މެދު ހިތްހަމަޖެހޭ މިންވަރު ވެސް ރޭޓް ކުރެވޭނެ އެވެ. އަދި މީގެ ބަނދަރު ޕޯޓަލް މެދުވެރިކޮށް ލިބެމުން އަންނަ ހިދުމަތްތަކުގައި މައްސަލައެއް ދިމާވެއްޖެ ނަމަ، އެކަން ހައްލުކޮށް ދިނުމުގައި ކުންފުނީގެ ފަރާތުން އަމަލުކޮށްފައިވާ ގޮތާއި މާލޭ ވިޔަފާރި ބަނދަރުގައި ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ މެދު ހިތްހަމަޖެހޭ މިންވަރާއި އެ ބަނދަރަށް ގެންނަ މުދަލުގެ ރައްކާތެރިކަން ކަށަވަރު ކުރެވޭ މިންވަރާ މެދު ވެސް ހިތްހަމަޖެހޭ މިންވަރު ބަލާނެ އެވެ.

އެމްޕީއެލުން މިފަދަ ސާވޭއަކަށް ހުޅުވައިލި އިރު، ސްޓެލްކޯ އާއި އެމްޓީސީސީން ވެސް ވަނީ ހަމަ މިފަދަ ސާވޭއެއް ފަށައިފަ އެވެ.