އަންނަ މަހު ރިލީޒް ކުރަން ހަމަޖެހިފައިވާ ބޮލީވުޑްގެ ފިލްމު "ބޯޑާ 2" ގައި ސުނިލް ޝެޓީ އާއި އަކްޝޭ ކަންނާގެ ހާއްސަ ފެނިލުންތަކެއް ހިމެނޭނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ މި ދެ ތަރިންނަކީ 1997 ގެ "ބޯޑާ" ގައި މުހިއްމު ރޯލުތަކެއް ކުޅުނު އެކްޓަރުންތަކެއްކަމެވެ. އެގޮތުން "ބޯޑާ 2" އިން ސުނިލް އާއި އަކްޝޭގެ އިތުރުން ފުރަތަމަ ބައިގެ ރޯލެއް ކުޅުނު ސުދޭޝް ބެރީ، އެ މީހުންގެ ކުރީގެ ކެރެކްޓާތަކުން އާ ފިލްމުން ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އަންނަ މަހުގެ 23 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ ފިލްމުގައި "ބޯޑާ" އިން ލީޑް އެކްޓަރެއްގެ ގޮތުގައި ހިމެނެނީ ސަނީ ޑިއޯލް އެކަންޓެވެ. ދެން "ބޯޑާ 2" ގެ މައިގަނޑު އެކްޓަރުންގެ ތެރޭގައި ހިމެނެނީ ވަރޫން ދަވަނާއި ދިލްޖީތު ދޮސަންޖްގެ އިތުރުން ސުނިލްގެ ދަރިފުޅު އަހާން ޝެޓީ އެވެ.
އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ކޮށްފައިވާ ހަނގުރާމަ އަށް ބިނާކޮށް ހަދާފައިވާ މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ 2019 ގެ ހަނގުރާމަ ފިލްމު "ކޭސަރީ" ގެނެސްދިން އަނޫރާގް ސިންގެވެ. ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ކުރީގެ "ބޯޑާ" އަކީ ޖޭޕީ ދައްތާ ޑައިރެކްޓްކުރި ފިލްމެކެވެ.
އާ ފިލްމަކީ އޭނަގެ ފިލްމު ކުންފުނި، ޖޭޕީ ފިލްމްސް އާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެން ހަދާފައިވާ ފިލްމެކެވެ. "ބޯޑާ 2" ގެ ބަތަލާއިންގެ ތެރޭގައި ހިމެނެނީ ސޯނަމް ބަޖްވާ އާއި މޯނާ ސިންގް އަދި އާ ބަތަލާ މޭދާ ރާނާ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ފުރަތަމަ ބައިން ވަރަށް ބޮޑު މަޝްހޫރު ކަމެއް ލިބުނު ލަވަ އަދި އެ ލަވައިގެ ޅެމުން ޖާވިދު އަޚްތަރަށް އެންމެ މޮޅު ޅެމުގެ ނެޝަނަލް އެވޯޑް ލިބުނު "ސަދޭސޭ އާތޭ ހޭ" ގެ އާ ވާޝަނެއް "ބޯޑާ 2" ގައި ހިމެނޭނެ އެވެ. އަދި އެ ލަވަ މި ފަހަރު ކިޔާފައި ވަނީ ކުރީގެ ލަވައިގެ އަޑުގައި ވެސް ހިއްސާވި ސޯނޫ ނިގާމްގެ އިތުރުން އަރިޖިތު ސިންގެވެ.