ސަރުކާރުން ކުރިއަށް ރަށްރަށުގައި ކުރިއަށް ގެންދަން ނިންމާފައިވާ ހިންގާ ހައުސިން މަޝްރޫޢުތަކުން އެ ރަށަކާ ކައިރި ރިސޯޓުތަކުގައި މަސައްކަތްކުރާ ޒުވާނުންނަށް އިސްކަން ދޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރޭ ނިންމައިލި މި އަހަރުގެ ނެޝަނަލް ޔޫތު ކޮންފަރެންސްގެ ތެރެއިން ބޭއްވު "ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް" ގައި ރައީސް ވިދާޅުވީ، ޒުވާނުން ބާރުވެރި ކުރުވުމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށެވެ. އެހެންވެ އެކަމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޒުވާނުންނަށް އޮތް އެންމެ ބޮޑު އޮތް ދައްޗަކީ އާއިލާތަކާ ދުރުގައި ރިސޯޓުތަކުގައި ދިރި އުޅެންޖެހުން ކަމަށެވެ. އެހެންވެ މިކަމަށް ހައްލެއް ހޯދައިި ދިނުމަށްޓަކައި ރިސޯޓުތަކާ ކައިރި ރަށްރަށުން ބޯހިޔާވަހިކަން ފޯރުކޮ ށްދިނުމަކީ ޒުވާނުންނަށް އާއިލާއާ ގާތުގައި ވަޒީފާ އަދާކުރުމަށް ލިބޭނެ ފުރުސަތެއް ކަމަށް ވިދާޅުވި އެވެ.
"އެ ރިސޯޓެއްގެ ކައިރިން ނުވަތަ ޓޫރިޒަމް ޒޯނުތަކުގެ ކައިރީގައި ހުންނަ ބޮޑެތި އާބާދީތަކުގައި ބޯހިޔާވަހިކަމުގެ ޕްރޮކެޖްޓުތައް ހިންގަން. އޭރުން މައިގަނޑު ގޮތެއްގައި މި ހައްލުވެގެން ދަނީ ޒުވާނުންނަށް އެ ޒުވާނެއްގެ އާއިލާއާ ގާތުން ހައުސިން ހޯދުމުގެ ފުރުސަތު." ރައީސް ވިދާޅުވި އެވެ.
އެކި ރަށްރަށުގައި ހިންގުމަށް ހަވާލުކުރި 800 އަށް ވުރެ ގިނަ ހައުސިން ޔުނިޓްތަކުގެ މަޝްރޫޢުތަކަށް އިޝާރާތް ކުރައްވައި އެ މަނިކުފާނު ވިދާޅުވީ، އެ މަޝްރޫޢުތަކުން ފްލެޓް ދޫކުރާ އިރު ވަކި ޕަސެންޓެއް ޓޫރިޒަން ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ހާއްސަ ވެސް ކުރެވޭނެ ކަމަށެވެ.
"އަދި ޒުވާނުންނަށް އޭގައި އިސްކަން ލިބޭ ގޮތަށް އަޅުގަނޑުމެން ޝަރުތު ކުރާނަން." ރައީސް ވިދާޅުވި އެވެ.
ޒުވާނުންނަށް މިފަދަ ފުރުސަތުތަކެއް ފަހިކޮށް ދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް ވެސް މެ އެވެ.