ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން އިއްވާފައިވާ ހަތަރު އަހަރުގެ ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށް ފިއެވެ.
ކްރިމިނަލް ކޯޓުން އޭނަ އަށް ޖަލު ހުކުމެއް އިއްވީ މިދިޔަ ސެޕްޓެންބަރު މަހުގެ 28 ގަ އެވެ.
އެ ހުކުމް އިސްތިއުނާފު ކުރަން ސައީދުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި ނަމަވެސް، މައްސަލަ ބަލައިގަތުމާ މެދު އަދި ވަކި ގޮތެއް ނިންމައިފައެއް ނުވެ އެވެ.
ސައީދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެފައި ވަނީ، ބްލޭޒަން އިންކް ނަމަކަށް ކިޔާ ކުންފުންޏަކާ އެކު ސެޓްލްމަންޓް އެއްބަސްވުމެއް ހަދައި، އެއްވެސް މަސައްކަތެއް ނުކުރަނީސް ފައިސާ ދޫކުރި މައްސަލައިގަ އެވެ. ދައުލަތުން އޭނަ އާއި ފެނަކައިގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާ ސާލިހުގެ މައްޗަށް ދައުވާ އުފުލީ 2018 ގައި ހިންގި މުއާމަލާތަކާ ގުޅިގެންނެވެ.
ސައީދުގެ މައްސަލަ ނިމި ހުކުމް އިއްވި ނަމަވެސް، ދީނާގެ މައްސަލަ އޮތީ ކޯޓްގައި މަޑުޖެހިފަ އެވެ.