Last Updated: June 6, 14:55
Saturday, June 6, 2026
މުނިފޫހިފިލުވުން

ސަބާގެ 'މުއަންމާ' މިރޭ ފަށަނީ

ޕާކިސްތާންގެ މަޝްހޫރު ބަތަލާ ސަބާ ގަމަރް މުހިއްމު ރޯލަކުން ފެންނާނެ އާ ސިލްސިލާ "މުއަންމާ" މިރޭ ހަމް ޓީވީން ޕްރިމީއާ ކުރަން ނިންމައިފި އެވެ.

މި ސިލްސިލާގެ ޕްރޮމޯތަކެއް ވެސް ދައްކަމުން އަންނަތާ ދުވަސްކޮޅެއްވެފައިވާ އިރު، މިއީ ވަރަށް ޝައުގުވެރި ވާހަކައެއް ކިޔައި ދޭނެ ސިލްސިލާއަކަށްވާނެކަމުގެ އުންމީދު ބޮޑެވެ. "މުއަންމާ" ގައި ސަބާ ފެންނާނީ ނޫރު ޖަހާން ކިޔާ ކެރެކްޓާއަކުންނެވެ.

ޕާކިސްތާންގެ އެންމެ ނުފޫޒު ގަދަ ބަތަލާއިންގެ ތެރޭގައި ހިމެނޭ ސަބާ މިހާތަނަށް މަގުބޫލު ފިލްމުތަކާއި ވަރަށް ގިނަ ސިލްސިލާތަކެއް ކުޅެފައިވެ އެވެ. މިހާރު އުމުރުން 41 އަހަރުގެ ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ 2022 ގެ "ކަމްލީ" އެވެ. އަދި އޭނަ އެންމެ ފަހުން ފެނިފައިވާ ސިލްސިލާ އަކީ ޖިއޯ އެންޓަޓައިންމަންޓުން މިދިޔަ ސެޕްޓެމްބަރުގައި 10 އެޕިސޯޑަށް ގެނެސްދިން "ކޭސް ނަމްބާ 9" އެވެ.

ސަބާ އަކީ ބޮލީވުޑްގެ ވަރަށް ކާމިޔާބު ފިލްމެއް ވެސް ކުޅެފައިވާ ބަތަލާއެކެވެ. އެއީ ކުރީގެ އެކްޓަރު އިރުފާން ޚާންގެ 2017 ގެ "ހިންދީ މީޑިއަމް" އެވެ.

"މުއަންމާ" މިރޭ ހަމް ޓީވީން ޕްރީމިއާ ކުރަން ވަގުތު ކުޑަތަންވަމުން އަންނަ އިރު މިއީ، އިމްރާން ނާޒިރުގެ ސްކްރީންޕްލޭއަކަށް ޝަގީލް ޚާން ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. މީގެ ކާސްޓްގައި އުސްމާން މުޚްތާރު، އަލީ އަންސާރީ، ޝަހްޒާދު ޝައިހް، ސައީދު ޖިބްރާން، މަހްނޫރް، ނަބީލް ޒުބޭރީ އަދި އަނައުޝީ އައްބާސީ ފަދަ ތަރިން ހިމެނެ އެވެ.