މާލޭގެ ބާޒާރު ސަރަހައްދުން ވައްކަންކުރި މީހަކު ހިފަހައްޓައި "އަނިޔާވެރިކޮށް" އޭނަ މޫދަށް ވައްޓާލައިފި އެވެ.
މި މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވާ އިރު، އޭގައި ފެންނަނީ ބަޔަކު މީހުން ވައްކަންކުރި މީހާ ހިފައްޓައި އޭނަ ލައިގެން އިން ޓީޝާޓް ވެސް ދަމައިގަނެ، ބިން މައްޗަށް ވައްޓާލައި ފައިން ތަޅައި، އަތަށް ވެސް ބޫޓުން އަރައި އަނިޔާކުރާ މަންޒަރެވެ އަދި އެ މީހާގެ ފައިގައި ހިފައި ބިންމަތީގައި ދަމައި ކޫއްތާފައި ގޮސް ތޮށިގަނޑު މައްޗަށް އަރުވައި މޫދަށް ވައްޓައިލާ ތަން ވެސް ވީޑިއޯ ފެނެ އެވެ.
ބެލެވޭ ގޮތުން މިއީ ރޭ ހިނގާފައިވާ ހާދިސާއެކެވެ.
ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ސަލާމު ކަމަށް އައިސްފައިވާތީ އެކަން މިހާރު ބަލަމުން އަންނަ ކަމަށެވެ.
މީގެ ކުރިން ވެސް ވައްކަންކޮށްފައިވާ މީހުން އަތުލައިގަނެ، އާންމުން އަނިޔާކޮށްފައިވެ އެވެ. އެގޮތުން ބައެއް މީހުން ބަރަހަނާކޮށް، "މަށަކީ ވަގެއް" ޖަހާފައިވާ ބޯޑު ކަރުގައި އަޅުވައިގެން ގަންހިންގުވައި އަދި ބައެއް މީހުންގެ ބޯ ބާލައި، ބައެއް މީހުންގެ ގަޔަށް ކުލަ ފާޓާ އާއި ކަޅުތެޔޮ އެޅުން ފަދަ ކަންކަން ވެސް ކޮށްފައިވެ އެވެ.