ރާއްޖޭގައި އަޅާ އެއާޕޯޓްތައް އިތުރު ކުރުމުގެ ބަދަލުގައި ވައިގެ ދަތުރުތައް ފަސޭހަކޮށްލެވޭނެ އެހެން ޙިޔާލެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ހިއްސާ ކުރައްވައިފި އެވެ.
އެ މަނިކު މި ޙިޔާލު ހިއްސާކުރެއްވީ ރޭ ޒުވާނުންތަކަކާ އެކު ޔޫތު ހަބްގައި ބޭއްވި "ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް" ގަ އެވެ. އޭގައި ރައީސް ވިދާޅުވީ އެއާޕޯޓްތައް ގިނަ ކުރުމުގެ ބަދަލުގައި ރަށްރަށުގއި 600 މީޓަރުގެ އެއާ ސްޓްރިޕް ހަދައި، ސީޕްލޭންގައި ފުރޮޅު ހަރުކޮށްގެން ދަތުުރު ކުރެވޭނެ އިންތިޒާމެކެވެ.
ރައީސް ވިދާޅުވީ ބޮޑެތި ރަށްރަށުގައި، އެއާ ސްޓްރިޕް ހަދައި، ސީޕްލޭން ސައިޒުގެ ބޯޓުތަކުގައި ފުރޮޅު ހަރުކޮށް ޖެއްސޭނެ ގޮތަށް ހެދުމަކީ ރަނގަޅު ކަމަށް ވެދާނެ ކަމަށެވެ. އަދި އެގޮތަށް ހެދުމުން ވަރަށް ގިނަ ރަށްތަކުގައި ރޭގަނޑު ވެސް ބޯޓު ޖެއްސޭނެ ކަމަށާއި، ބޮޑު އެއާޕޯޓެއް އެކަމަށް ބޭނުން ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މި ގެންގުޅޭ ސީޕްލޭން ބޯޓުތަކުގައި ފުރޮޅު ހަރުކޮށްފައި ދުއްވައިފިއްޔާ އެވަރުގެ ބޯޓު ޖެއްސޭނެ. އޭރަކުން ނުޖެހޭ އެއާޕޯޓު ހަދާކަށެއް،" ރައީސް ވިދާޅުވި އެވެ. "އޭރުން ވަރަށް ގިނަ ރަށްތަކުގައި މަތިން ގޮސް ޖެއްސޭނެ. މިއީ ހަމަ ހެދިދާނެ ކަންކަން."
އެއާޕޯޓްތައް އެޅުމުގެ ބަދަލުގައި ސީ ޕްލޭން މަރުކާގެ ބޯޓްތަކުގައި ވައިގެ ދަތުރު ފަސޭހަކޮށްލެވިދާނެ ކަމަށް ރައީސް ވިދާޅުވި އިރު، މި ސަރުކާރުން ވަނީ ގިނަ އެއާޕޯޓްތަކެއް ތަރައްގީ ކުރަން ނިންމައިފަ އެވެ.
އަނެއްކޮޅުން ގައުމީ އެއާލައިން، މޯލްޑިވިއަނުން މިހާރު އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ސީ ޕްލޭންގެ ހިދުމަތް ތައާރަފު ކުރަމުންކަން ފާހަގަކޮށްލެ އެވެ.
އެންމެ ފާހަަގަކޮށްލަން ޖެހޭ ކަމަކީ ދުނިޔޭގެ އެންމެ ބޮޑު ސީ ޕްލޭން އޮޕަރޭޝަން އޮތީ ރާއްޖޭގައިކަމެވެ. އެ ދާއިރާގެ މައިގަނޑު ބިނާކޮށްފައި އޮތީ ޓޫރިޒަމް ދާއިރާގެ ދަތުރުތަކަށެވެ.