Last Updated: June 5, 06:04
Friday, June 5, 2026
ރިޕޯޓް

ރާއްޖެ އަށް އެޅިފައިވާ މުޠުލަޤު ބާރުގެ ދިގު ހިޔަނި!

ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި މައުމޫން.

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ރާއްޖޭގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި އިރު، ޤާނޫނުގެ ހުކޫމަތު ޤާއިމު ކުރުމުގައި ވަކިވަރެއްގެ ކުރިއެރުންތަކެއް ރާއްޖެއިން ހޯދިފައިވާކަން ފާހަގަކުރެވެ އެވެ. ޤައުމީ ބާރުގަދަ މުއައްސަސާތަކެއް ޤާއިމުވެ، އުޞޫލީ ނިޒާމުތައް އެކަށައެޅި، ތަރައްޤީގެ ރޮނގުން ރާއްޖެ ވަނީ ކުރިއެރުންތަކެއް ހޯދައިފަ އެވެ. އަދި ޖަވާބުދާރީވުމުގެ ރޫޙު ނާޒުކު ހާލަތެއްގައި އޮތް ކަމުގައި ވިޔަސް، އެކީގައި ނެތިގެން ގޮސްފައެއް ނުވެ އެވެ.

ނަމަވެސް، މި ތަރައްޤީ ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދިއުމުގެ ފުރުސަތު އެއްކޮށް ގެއްލިގެން ދިޔަ އެވެ.

ރައީސް މައުމޫން ވެރިކަމަށް އިސްވެވަޑައިގަތުމަށް ފަހު، "ވަލިއްޔުލް އަމްރު" ގެ ނަމުން މަޝްހޫރުވެފައިވާ ނިޒާމެއް ތަޢާރަފްކުރެއްވި އެވެ. މި ނިޒާމަކީ، ދައުލަތުގެ ހުރިހާ ބާރުތައް އެއް ފަރާތެއްގެ އަތްމައްޗަށް ޖަމާކު ރެވިފައިވާ ނިޒާމެކެވެ. އެހެންކަމުން، ދައުލަތުގެ ކަންކަމާއި، މުއައްސަސާތަކުގެ ހިންގުމާއި، އަދި ރައްޔިތުންގެ ދިރިއުޅުމުގެ ކޮންމެ ކަމެއްވެސް ބިނާވެގެން ދިޔައީ އެ މަނިކުފާނުގެ ހުއްދަ އާއި ތާއީދުގެ މައްޗަށެވެ. ޤާނޫނުގެ ހުކޫމަތަށްވުރެ ވަފާތެރިކަމަށް އިސްކަން ދެއްވައި، އިންސާނީ ހައްޤުތަކަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ސަރުކާރަށް ބަރޯސާވުމުގެ ސަގާފަތެއް އާންމު ކުރެއްވި އެވެ.

ޖިނާއީ ކުށްތަކަށް ޖަވާބުދާރީވުން ވަރަށް ބޮޑަށް ދަށްކުރެއްވި އެވެ. ވެރިކަމުގެ ނުފޫޒުގައި ހިމެނޭ ފަރާތްތައް، އެއީ އެމަނިކުފާނަށް ތާއީދުކުރާ މީހުންކަމަށް ވިޔަސް، ވަފާތެރިން ކަމަށް ވިޔަސް، ނުވަތަ ދައުލަތުގެ މުވައްޒަފުން ކަމަށް ވިޔަސް، އެ ފަރާތްތައް އަދަބުން ސަލާމަތް ކުރެވުނެވެ. އިންސާފު ހޯދުމުގެ މަގު ވަކި ބަޔަކަށް ޚާއްސަވެގެން ދިޔަ އިރު، ޤާނޫނު ތަންފީޒުކުރާ ފަރާތްތަކުން ޚިދުމަތް ކުރީ އެއްވެސް ހަމައެއް އުސޫލެއްގެ މައްޗަކަށް ނޫނެވެ.

އެކަމަކު 'ވަލިއްޔުލް އަމްރު' ގެ އަމުރުފުޅަށް ކިޔަމަންވުމަށެވެ. ކުށްކުރާ މީހުންނަށް އަދަބު ނުދިނުމުގެ މި ސަގާފަތުގެ ސަބަބުން ކުށްކުރުން ހަމައެކަނި ގިނަވެގެން ދިޔައީއެއް ނޫނެވެ. އެއީ މުޖުތަމަޢުގައި އާންމު ކަމަކަށްވެ، އާދައަކަށްވެގެން ދިޔަ އެވެ.

ތަޢުލީމީ ނިޒާމު ވެސް، މިގޮތުން ބަލިކަށިކުރެވުނެވެ. މިގޮތުން، މެރިޓަށް އިސްކަންދިނުމެއްނެތި ހަމައެކަނި އިމްތިހާނުތަކުގެ ނަތީޖާތަކަށް ބަރޯސާވުން އިތުރުވި އެވެ. ފުޅާ ފިކުރީ މިނިވަންކަމާއި، ފާޑުކިޔުންތެރިކަމާއެކު ވިސްނުމުގެ މުހިންމުކަމާއި، މަދަނީ ޒިންމާތަކަށް ދެވޭ އަހައްމިއްޔަތުކަން ކުޑަކުރެވުނެވެ. ވާދަވެރި ޖީލެއް ބިނާކުރުމަށް މަސައްކަތް ކުރެވުނު ނަމަވެސް، ސުވާލު ކުރުމާއި މިނިވަން ފިކުރު ކުރުމަށް ބާރުއެޅިފައެއް ނުވެ އެވެ.

މިއަދު ރާއްޖެ ކުރިމަތިލާންޖެހިފައިވާ ގިނަ މައްސަލަތަކުގެ އަސްލު ފެށުނީ ރައީސް ޤައްޔޫމުގެ ވެރިކަމުގެ ދުވަސްވަރުގައެވެ. ކޮރަޕްޝަން، ސަރުކާރަށް ބަރޯސާވުމުގެ ސަގާފަތެއް އުފެއްދުން، މުއައްސަސާތައް ބަލިކަށިވުން، އަދި ސިޔާސީ ގޮތުން ކިޔަމަންތެރިވުން ފަދަ ކަންކަމަކީ އެންމެ ދުވަހަކުން ނުވަތަ އެންމެ ރެއަކުން އުފެދުނު ކުއްލި ކަންކަމެއް ނޫނެވެ. އެއީ ރައީސް ޤައްޔޫމުގެ ދިގު ވެރިކަމުން ދިވެހި މުޖުތަމަޢަށް ވާރުތަވި ނޭދެވޭ "ލެގަސީ" އެކެވެ. ޤައްޔޫމަށް ފަހު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި ހުރިހައި ލީޑަރުން ވެސް މި ވާރުތަ ނައްތާލުމުގެ ބަދަލުގައި، އެއަށް ބާރުދީ، އެއާއެކު ކުރިއަށް ދިޔުމަށް އިޚްތިޔާރު ކުރެއްވިކަމީ ހިތާމަހުރި ކަމެކެވެ.

މުޖުތަމަޢުގައި ފުންކޮށް އަށަގެންފައިވާ މިފަދަ ނޭދެވޭ އުސޫލުތައް ރަނގަޅުކުރުމަކީ ކުރު މުއްދަތެއްގައި ކުރެވޭނެ މަސައްކަތެއް ނޫނެވެ. އެކަން ބަދަލުކުރުމަށް އަހަރުތަކެއް ނުވަތަ އެއަށްވުރެވެސް ދިގު މުއްދަތެއް ނަގާނެ އެވެ. އަދި މިހާރުގެ ސިޔާސީ މާހައުލުގައި، އެފަދަ މަސައްކަތެއް ކުރާނެ ގޮތަކާމެދު ބޮޑެތި ސުވާލުތައް އުފެދެ އެވެ. އެހެންކަމުން، ރާއްޖޭގެ މުސްތަޤުބަލު ފެންނަނީ އެދެވޭ ގޮތަކަށް ނޫނެވެ.

އާބާދީ ދަނީ މާލެ އާއި މާލޭގެ ވަށައިގެންވާ ސަރަޙައްދުތަކަށް އެއްކުރެވެމުންނެވެ. އަދި ރައްޔިތުންނަށް ދަސްކޮށް ދެވެމުން ދަނީ އެ މީހުންގެ ހުރިހާ ކަމެއް ދައުލަތުން ފޯރުކޮށް ދޭން ޖެހޭނެ ކަމެވެ. ނަތީޖާއެއްގެ ގޮތުން، ކަންކަމުގައި ރައްޔިތުންގެ އިސްނެގުން ކުޑަވެ، އަމިއްލައަށް ކަންކަން ހަމަޖެއްސުމުގެ ހިތްވަރު ނެތިގެން ހިނގައްޖެ އެވެ. އެ މީހުންނަކީ އެއްވެސް ޒިންމާއެއް ނެތް ބަޔެއް ކަމުގައި މިހާރު ރައްޔިތުން ގަބޫލުކުރަން ފަށައިފި އެވެ.

މިފަދަ ދަނޑިވަޅެއްގައި، ޤައުމުގެ ވަސީލަތްތައް؛ ސިޔާސީ، އިޤުތިޞާދީ، އަދި ސަރަޙައްދީ ކަންކަންވެސް ހިމެނޭ ގޮތަށް- ބޭރުގެ ކުންފުނިތަކާއި ބޭރުގެ މަސްލަޙަތުތަކުގެ ބާރުގެ ދަށަށް ދިއުން ދަނީ އިތުރުވަމުންނެވެ. ބާކީ އޮތީ އިސްތިޤްލާލް ގެއްލިފައިވާ މިނިވަންކަމެއްގެ ހުސްކަމެވެ. އެއީ ރަސްމީ ހެދުމުގައި ތިބި މަދު ދިވެހި މޫނުތަކެއް އޮފީސް އިމާރާތްތަކުގައި ތިބެގެން ބޭރުފުށުން "މިނިވަން ދައުލަތެއްގެ" ސިފަ ދައްކައިދިނުމެވެ. އެހެންނަމަވެސް، އިސްތިޤްލާލް ގެއްލިފައިވާ ގައުމެއްގައި އޮންނާނީ ވަކި ކޮން މިނިވަން ކަމެއް ހެއްޔެވެ؟ ތާރީޚުން މިފަދަ ފިލާވަޅުތައް ލިބެން އެބަ ހުއްޓެވެ. މިސާލަކަށް ފީޖީ ނަންގަވާށެވެ.

އެއީ މަރުކަޒީ ބާރު ވަރުގަދަކޮށް، މުއައްސަސާތަކުގެ ބާރު ކަނޑުވާލައި، ރައްޔިތުންނަށް ސަރުކާރަށް ބަރޯސާވުމަށް ޖައްސައި، އެތައް ޖީލުތަކަކަށް ނުތަނަވަސްކަން ގެނެސްދިން ހިތާމަވެރި މިސާލެކެވެ. ރާއްޖޭގެ މިއަދުގެ ޙާލަތާ ފީޖީގެ ތަޖުރިބާއާ އަޅައި ކީދާނެއެވެ. އެހެނީ، މި ދެ ޤައުމުގެ މެދުގައިވާ އެއްގޮތްކަމަކީ ހިތާމަކުރަންޖެހޭ އަދި ސާފުކޮށް ފެންނަން އޮތް ޙަޤީޤަތެކެވެ.

ރާއްޖެ އަށް ވާރުތަވެފައިވާ މުޠުލަޤު ބާރުގެ ނިޒާމާއި، ސަރުކާރަށް ބަރޯސާވުމާއި، ވަކި ބަޔަކަށް ޚާއްސަވާ އިންސާފުގެ ނިޒާމާއި ކުރިމަތިލައި، ދިވެހިން އެކަމަށް ޙައްލު ހޯދަންޖެހެއެވެ. ދިވެހިން އެ ފިޔަވަޅު ނާޅައިފިނަމަ، މިނިވަންކަން ދެމިއޮންނާނީ ހަމައެކަނި ރަމްޒީ ކަމެއްގެ ގޮތުގައެވެ، ޑިމޮކްރަސީ ދާނީ ދުވަހަކަށްވުރެ ދުވަހަކަށް ބަލިކަށިވަމުންނެވެ، އަދި ޤާނޫނީ ޙުކޫމަތު ހިންގުން ނިމުމެއް ނެތި ފަސްކުރެވޭ ވަޢުދަކަށް ވެގެން ދާނެ އެވެ.