Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ޑްރަގް ވިއްކާ 11 ތަނެއް މި އަހަރު މާލޭގައި ބަންދުކުރި

ވިޔަފާރި އުސޫލުން މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ 11 ތަނެއް މި އަހަރު ބަންދުކުރި ކަމަށް ފުލުހުން ބުނެފި އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓުގެ ކައުންޓަ-ނާކޮޓިކްސް އޮޕަރޭޝަންސް ހިންގެވުމާ ހަވާލުވެ ހުންނެވި ޗީފް އިންސްޕެކްޓަރު ފާތިޙް މުޙައްމަދު ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ޖުމްލަ 50 ތަނެއް ފާހަގަކުރެވޭ އިރު މާޅޭގައި އެފަދަ ވިޔަފާރިކުރާ އެކްޓިވް 30 ތަނެއް އެބަހުރި ކަމަށެވެ.

"އެއީ އަޅުގަނޑުމެން އަބަދުވެސް އެކިއެކި އޮޕަރޭޝަންސްތައް ހިންގައި، ރޫޓިންކޮށް އެތަންތަނަށް ވަދޭ އެތަންތަނަށް އެޅެންހުރީ ކޮން ފިޔަވަޅުތަކެއްތޯ ބަލަމުންދާ ތަންތަން." އޭނަ ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކަނޑާއި އަދި ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށް ކުރި މަސައްކަތް ހުއްޓުވުމަށް މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެ ންދިޔަ އެކި އޮޕަރޭޝަންތަކުގައި 498.99 ކިލޯގެ މަސްތުވާތަކެއްޗާއި 6،860 ފުޅި ނުވަތަ ދަޅުގެ ބަނގުރާ އަތުލައިގަނެވިފައިވެ އެވެ.

އެ ތަކެތީގެ މަގުމަތީ އަގު 975 މިލިއަން ދިވެހި ރުފިޔާއަށް ވުރެ ގިނަ އެވެ.

ފުލުހުން ވިދާޅުވީ ކުރިއަށް އޮތ ދުވަސްތަކުގައިވެސް މާލެ އާއި އަތޮޅުތަކުގައި ތަންތަން ކުއްޔަށް ހިފައިގެން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނަމަ އެކަންކަން ހުއްޓުވުމަށް އޮޕަރޭޝަންތައް ހިންގަމުން ދާނެ ކަމަށެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ދާދި ފަހުން ފުލުހުން "އަލިމަގު" ގެ ނަމުގައި އޮޕަރޭޝަނެއް ހިންގައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ވެސް ކުރި އެވެ. މީގެ ތެރޭގައި ޑްރަގް ނެޓްވޯކްތަކުގެ ބޮޑުންތަކެއް ވެސް ހިމެނެ އެވެ.