Last Updated: June 6, 14:55
Saturday, June 6, 2026
މުނިފޫހިފިލުވުން

'އެނިމަލް' ވެސް ޖަޕާނަށް

ރަންބީރް ކަޕޫރްގެ ކާމިޔާބު ފިލްމު "އެނިމަލް" ޖަޕާންގައި އަޅުވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ބުޝަން ކުމާރު ޓީ ސީރީޒަށް ސަންދީޕް ރެޑީ ވަންގާ ޑައިރެކްޓްކޮށް 2023 ގައި ގެނެސްދިން މި ފިލްމު ޖަޕާންގައި އަޅުވަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ 13 ގަ އެވެ.

"އެނިމަލް" އެ ގައުމުގައި އަޅުވާނީ ޖަޕާން ބަހުން ޑަބްކޮށްގެންނެވެ.

އެކްޝަން ޑްރާމާއެއްގެ ގޮތުގައި ގެނެސްދިން މި ފިލްމަކީ 2023 ގައި އިންޑިއާގެ އެންމެ ބޮޑު އެއް ހިޓެވެ. އަނިޔާވެރިކަން ވަރަށް ބޮޑަށް ދައްކުވައި ދީފައިވާތީ ގިނަ ބައެެއްގެ ފާޑުކިޔުންތައް އަމާޒުވި ނަމަވެސް "އެނިމަލް" އަކީ ބޮކްސް އޮފީހުގައި ވަރަށް ކާމިޔާބު ފިލްމެކެވެ. ޖުމްލަ 100 ކްރޯޑް ރުޕީސް (11.1 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި ފިލްމަށް އާމްދަނީގެ ގޮތުގައި 917.82 ކްރޯޑް ރުޕީސް (102.2 މިލިއަން ޑޮލަރު) ލިބުނެވެ.

ރަންބީރްގެ ވަރަށް މޮޅު އެކްޓިންއެއް ފެނިގެން ދިޔަ "އެނިމަލް" ގެ ކާސްޓްގައި ރަޝްމިކާ މަންދަނާ، ބޮބީ ޑިއޯލް، އަނިލް ކަޕޫރް އަދި ޓްރިޕްތީ ދިމްރީ ފަދަ ތަރިން ހިމެނެ އެވެ.

މީގެ ދެވަނަ ބައެއް ވެސް "އެނިމަލް ޕާކް" ގެ ނަމުގައި ހަދަން ހަމަޖެހިފައިވާ އިރު، ޑަައިރެކްޓަރު ސަންދީޕް މިހާރު އަންނަނީ ޕްރަބާސް އާއި ޓްރިޕްތީއާ އެކު "ސްޕިރިޓް" ހެދުމުގެ މަސައްކަތް ކުރަމުންނެވެ. "އެނިމަލް" ގެ ދެވަނަ ބައިގެ މަސައްކަތް ފަށަން ޕްލޭންކޮށްފައި އޮތީ 2027 ގަ އެވެ.

"އެނިމަލް" ޖަޕާންގެ އޯޑިއަންސަށް ގެނެސްދޭން ނިންމި އިރު މިދިޔަ އަހަރުގެ ތެލެގޫ ބޮޑު ހިޓް "ޕުޝްޕާ 2: ދަ ރޫލް" އަންނަ މަހުގެ 16 ގައި ޖަޕާންގައި އަޅުވަން އަންނަނީ ތައްޔާރުވަމުންނެވެ،