Last Updated: June 6, 14:55
Saturday, June 6, 2026
މުނިފޫހިފިލުވުން

'ދުރަންދަރު 2' ފިތުރު އީދުގައި

'ދުރަންދަރު' ގެ ޝޫޓިންގެ ތެރެއިން.

އިންޑިއާގެ ބޮކްސް އޮފީހުގެ ރެކޯޑްތައް މުގުރަމުމުން އަންނަ ޑައިރެކްޓަރު އަދިތިޔާ ދާރްގެ ސްޕައި އެކްޝަން ތުރިލާ ފިލްމު "ދުރަންދަރު" ގެ ދެވަނަ ބައި އަންނަ އަހަރުގެ މާޗް 19 ގައި ގެނެސްދޭނެކަން އިއުލާންކޮށްފި އެވެ.

މި ފިލްމަކީ އޭނަ ޖިއޯ ސްޓޫޑިއޯސްއާ ގުޅިގެން ހަދާފައިވާ ފިލްމެކެވެ. "ދުރަންދަރު: ޕާޓް 2-ރިވެންޖް" އަންނަ އަހަރުގެ މާޗް 19 ގައި ގެނެސްދޭނެކަން އިއުލާންކޮށް މިއަދު ބުނީ ހިންދީ ބަހުގެ އިތުރުން އިންޑިއާގައި ވާހަކަ ދައްކާ އިތުރު ފަސް ބަހަކުން ފިލްމު ގެނެސްދޭނެ ކަމަށެވެ.

ބޮލީވުޑުން މި އަހަރުގެ މިހާތަނަށް ގެނެސްދިން އެންމެ ކާމިޔާބު ފިލްމުގެ މަގާމު މިހާރު ވެސް ހޯދާފައިވާ "ދުރަންދަރު" އަށް ބޮކްސް އޮފީހުގައި މިހާތަނަށް 935.17 ކްރޯޑް ރުޕީސް (104.2 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބިފައިވެ އެވެ. އެއީ އިންޑިއާ އާއި އެ ގައުމުން ބޭރުގެ މާކެޓްތަކުން ލިބުނު އާމްދަނީއާ އެކީގަ އެވެ. އިންޑިއާ އިން އެކަނި ފިލްމަށް މިހާތަނަށް ލިބުނު އާމްދަނީ 619.30 ކްރޯޑް ރުޕީސް (69 މިލިއަން ޑޮލަރު) އަށް އަރާފައިވާ އިރު، ފިލްމަށް ލިބެމުން އަންނަ ބޮޑު ތަރުހީބާ ގުޅިގެން ކުރިއަށް ހުރި ބައެއް ފިލްމުތަކުގެ ވިޔަފާރި ވެސް ހިޔަނި އެޅިފައިވެ އެވެ.

ޖުމްލަ 150 ކްރޯޑް ރުޕީސް (17 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާފައިވާ "ދުރަންދަރު" ގެ މައިގަނޑު ރޯލުތައް ކުޅެފައި ވަނީ ރަންވީރު ސިންގް އާއި އަކްޝޭ ކަންނާ އާއި އަރުޖުން ރާމްޕާލާއި ސަންޖޭ ދަތާއި އާރް މާދްވަންގެ އިތުރުން ސާރާ އަރުޖުން އެވެ.

މީގެ ދެވަނަ ބައި އަންނަ އަހަރުގެ ފިތުރު އީދުގައި ގެނެސްދޭން ނިންމި އިރު، އެ ފިލްމު މިހާރު އޮތީ ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގަ އެވެ. "ދުރަންދަރު" ގެ ދެ ބައިގެ ޝޫޓިން ވެސް ނިންމީ އެކީގަ އެވެ.

މި ފިލްމަކީ ޑައިރެކްޓަރު އަދިތިޔާގެ ދެވަނަ ފިލްމެވެ. އޭނަގެ ފުރަތަމަ ފިލްމަކީ އެންމެ މޮޅު ޑައިރެކްޓަރުގެ ނެޝަނަލް އެވޯޑް ވެސް ހޯދި 2019 ގެ "އުރީ: ދަ ސާޖިކަލް ސްޓްރައިކް" އެވެ.

"ދުރަންދަރު" ހޯދަމުން އަންނަ ބޮޑު ކާމިޔާބީއާ އެކު ވަރަށް ގިނަ ބަޔަކު އަންނަނީ އަދިތިޔާ ވަރަށް ބޮޑަށް ތައުރީފު ކުރަމުންނެވެ. އަދި އޭނަ އަކީ ވަރަށް ވެސް މޮޅު ޑައިރެކްޓަރެއް ކަމަށް ބުނެ ފިލްމީ ދާއިރާގެ ނުފޫޒު ގަދަ އެތައް ބަޔަކު ވެސް ތައުރީފުކޮށްފައިވެ އެވެ.

އަދިތިޔާ އަކީ ބަތަލާ ޔާމީ ގޯތަމްގެ ފިރިމީހާ އެވެ.