ރާއްޖެއަށް ކުރިއެރުން ހޯދަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކުގައި މަސައްކަތް ކުރެއްވުން ވަރަށް މުހިއްމު ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ކުރިން އިބޫ އާއި ނަޝީދުގެ މެދުގައި އުފެދުނު ސިޔާސީ އަރައިރުންތަކަށް ފަހު މިއަދު ވަނީ ފުރަތަމަ ފަހަރަށް އެ ދެ ބޭފުޅުން އަލުން ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ދެ ބޭފުޅުން ވެސް ވަނީ މާޒީގައި ދެބޭފުޅުންގެ މެދުގައި ހިނގާފައިވާ ހިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް، އެކުގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ އަލުން އެކުގައި މަސައްކަތް ކުރެއްވުމަށް އިބޫ އާއި ނަޝީދު ނިންމެވި ނިންމުމަށް މަރުހަބާ ދަންނަވާ ކަމަށެވެ.
"މިއީ ދިވެހިރާއްޖެ އާއި، ރާއްޖޭގެ ޑިމޮކްރަސީ އަދި އެމްޑީޕީ އަށް ލިބުނު ވަރަަށް ބޮޑު ކުރިއެރުމެއް. ދިވެހި ރައްޔިތުންނާއި ޤައުމަށް ކުރިއެރުން ހޯދައި، ޤައުމުގެ ހަމަޖެހުމަަށް ދެ ރައީސުން އެކުގައި މަސައްކަތް ކުރެއްވުން އަބަދު ވެސް މުހިންމު،" ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވަނީ ދެ ރައީސުންނާ އެކު އެމްޑީޕީ އިތުރަށް ވަރުގަދަވެ، ޕާޓީގެ ޙަރަކާތްތައް ފުޅާވެގެން ދާނެ ކަމަށް ޔަގީންކުރައްވާ ކަމަށްވެސް ވިދާޅުވެފަ އެވެ.
ދެހާސް ތޭވީހުގައި އެމްޑީޕީ ދޫކޮށްލައްވައި ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ފަހު، ނަޝީދު ހިމެނޭހެން އެ ޕާޓީގެ މެންބަރުން އަލުން އެމްޑީޕީއާ ގުޅުނީ މިދިޔަ ޖޫން މަހު އެވެ.