ހުޅުމާލޭން ދޫކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓުތައް ބިދޭސީންނަށް ކުއްޔަށް ދީފައިވޭތޯ ބެލުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފި އެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭގައި ތަރައްގީކޮށް ޝަރުތު ހަމަވާ ފަރާތްތަކަށް ސަރުކާރުން ދޫކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓްތައް ބައެއް ފަރާތްތަކުން ގަވައިދާ ހިލާފަށް ބިދޭސީންނަށް ކުއްޔަށް ދެމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.
ސޯޝަލް ހައުސިންގެ ދަށުން ދޫކޮށްފައިވާ އެއްވެސް ޔުނިޓެއް، އެއްވެސް ފަރާތަކުން ބިދޭސީންނަށް ކުއްޔަށް ދީފައިވާނަމަ ޖަނަވަރީ 3، 2026 ގެ ކުރިން އެތަންތަން ހުސްކުރުމަށް އެ ފަރާތްތަކަށް އެންގުމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެޗްޑީސީން ވަނީ ޖަނަވަރީ 3 ގެ ފަހުން ހުޅުމާލެއިން ދުކޮށްފައިވާ އެއްވެސް ސޯޝަލް ހައުސިން ޔުނިޓެއް ބިދޭސީންނަށް ކުއްޔަށް ދީފައިވާނަމަ އެ ކޯޕަރޭޝަންއާއިއެކު ވެފައިވާ ފްލެޓް އެއްބަސްވުން އުވާލެވޭނެކަމަށް ބުނެފައެވެ.
ފްލެޓް ލިބިފައިވާ ފަރާތްތަކުން އެޗްޑީސީއާއިއެކު ވެފައިވާ އެއްބަސްވުމާއި އެއްގޮތައް އަމަލުކުރުމަށް އިލްތިމާސްކޮށް އެޗްޑީސީން ވަނީ މިފަދަ ކަންކަމުގައި އާންމު ފަރާތްތަކުން އެ ކޯޕަރޭޝަންއަށް ދެމުންދާ އެއްބާރުލުން ފާހަގަކޮށްފައެވެ.