Last Updated: July 8, 21:12
Thursday, July 9, 2026
ޚަބަރު

ބިދޭސީންނަށް ވަޒީފާ ހޯދައި ދެނީ

ރާއްޖޭގައި ގަވާއިދާ އެއްގޮތަށް އުޅެމުން އަންނަ ބިދޭސީންގެ ތެރެއިން ވަޒީފާދޭނެ ފަރާތެއް ނެތް ބިދޭސީން އެކަން ހުށަހެޅުމަށް ހުޅުވާލައިފި އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި، ނުވަތަ ހުއްދައެއް އޮތްނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ސައްހަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށް 'އޮޕަރޭޝަން ކުރަނގި' ގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ "މާސް ލީގަލައިޒޭޝަން ޕްރޮގްރާމް" ގެ ދަށުން ވަޒީފާ ބޭނުންވާ ބިދޭސީންގެ ޖޮބް މެޗިން މަސައްކަތްތައް މިނިސްޓްރީން ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

އެހެންވެ މިނިސްޓްރީން ހުޅުވާލި މުއްދަތުގެ ތެރޭގައި ބައޮމެޓްރިކްސް އަޕްޑޭޓް ކޮށްފައިވާ ބިދޭސީންގެ ތެރެއިން ވަޒީފާދޭނެ ފަރާތެއް ނެތް ބިދޭސީން ފޯމު ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށް އަންގާ ކަމަށް މިނިސްޓްރީން ބުންޏެވެ. މިނިސްޓްރީން ބުނީ އެކުލަވައިލާ ދަފްތަރުގެ ތެރެއިން ވަޒީފާއަށް ބިދޭސީން ބޭނުންވާ ކަމުގައިވާ ނަމަ، އެ އިންތިޒާމުތައް މިނިސްޓްރީން ހަމަޖެހިގެންދާނެކަން ވަޒީފާދޭ ފަރާތްތަކަށް އަންގާނެ ކަމަށެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު ސާފުކުރުމަށް 1485 ގުޅައި ނުވަތަ [email protected] އަށް އީމެއިލް ކުރުމުން ލިބޭނެ އެވެ.

"މާސް ލީގަަލައިޒޭޝަން ޕްރޮގްރާމް" އަންނަ މަހުގެ 1 އިން ފެށިގެން އަންނަ އޭޕްރީލް މަހުގެ 2 އާ ހަމައަށް ކުރިއަށް ގެންދަން ނިންމާފައިވެ އެވެ.

އެ ޕްރޮގްރާމްގެ ދަށުން ލީގަލައިޒް ވެވޭނެ ޝަރުތުތައް:

* ވޯކް ޕާމިޓްގެ މުއްދަތު ހަމަވެފައިވުން
* އެއްވެސް ސަބަބަކާހުރެ ބްލެކްލިސުޓްކޮށްފައިވާ ބިދޭސީއަކަށް ނުވުން.
* ރާއްޖޭގައި މި ވަގުތު ހުރި ބިދޭސީއަކަށްވުން
* ބިދޭސީ ފަރާތް ލީގަލައިޒްކުރަން އެދޭ ވަޒީފާދޭ ފަރާތްތަކީ އެންމެ ފަހުން ވޯކް ޕާމިޓް ދޫކޮށްފައިވާ ވަޒީފާދޭ ފަރާތަކަށް ނުވުން
* ވަޒީފާ އަދާކުރުމުގެ ހުއްދައެއްގެ ދަށުން ރާއްޖެ އެތެރެވެފައިވާ ބިދޭސީއަކަށްވުން
އެއް ފަހަރު ލީގަލައިޒްވެފައިވާ ބިދޭސީއަކަށް ނުވުން
* މި އަހަރުގެ ކުރިން، ވަޒީފާދޭ ފަރާތުން ފިލާފައިވާ ކަމަށް ނުވަތަ ގެއްލިފައިވާ ކަމަށް އެކްސްޕެޓް ސިސްޓަމްގައި ރިޕޯޓްކޮށްފައިވާ ބިދޭސީއަކަށްވުން

މިނިސްޓްރީން ބުނެފައި ވަނީ ވަޒީފާ ދޭނެ ފަރާތެއް ހުރި، ލީގަލައިޒްވާން އެދޭ ބިދޭސީން ލީގަލައިޒްކުުރުމަށް ހުށަހަޅާނީ، "އެކްސްޕެޓް ސިސްޓަމް" މެދުވެރިކޮށް، ވަޒީފާދޭ ފަރާތުން ކަމަށެވެ. އަދި ލީގަލައިޒްކުރުމަށް ސިސްޓަމް މެދުވެރިކޮށް ހުށަހަޅާނެ ގޮތުގެ ޔޫޒާ ގައިޑް އެކްސްޕެޓް ސިސްޓަމް ހޯމް ޕޭޖަށް އަޕްޑޭޓްކުރާނެ އެވެ.