ސައިބާ ކުށްތަކާ ދެކޮޅަށް ހާއްސަ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުެއްޖެ އެވެ.
ރައީސް މިކަން ހާމަކުރެއްވީ ޒުވާނުންނާ އެކު އަންގާރަ ދުވަހުގެ ރޭ ބޭއްވި "ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް" ގައި ޒުވާނުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހުގައެވެ.
އޮންލައިން ޕްލެޓްފޯމްތަކުގައި ހިންގާ ސްކޭމްތަކާއި، ހަނގާކުރުން ފަދަ ނޭދެވޭ އަމަލުތައް ގިނަވެ، މިއީ އާންމުންގެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވާތީ، މިކަން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމުގެ ޔަގީންކަން ރައީސް އެ ބައްދަލުވުމުގައި ދެއްވި އެވެ.
ރައީސް ވިދާޅުވީ މިހާރު ސައިބާ ކުށްތަކުން ރައްކާތެރިކުރުމަށް ގާނޫނީ ގޮތުން އެކަށީގެންވާ ބާރެއް ނެތް ކަމަށެވެ.
"ސައިބަ ސެކިއުރިޓީއާ ގުޅޭ ގޮތުން ޤާނޫނީ ގޮތުން ވެސް މާ ބޮޑު ރައްކާތެރި ކަމެއް ނެތް އަދިއެއް މިކަމުގައި،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑުމެން މިހާރު މި އުޅެނީ ސައިބާ ސެކިއުރިޓީ އެކްޓެއް ގެންނަންވެގެން."
ރައީސް ވިދާޅުވީ، މިދިޔަ އަހަރު އުފެއްދި ނަޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީ އެންމެ ފުރިހަމައަށް މަސައްކަތް ކުރާނީ އަލަށް އެކުލަވާލާ ގާނޫނާއެކު ކަމަށެވެ.
"ގާނޫނެއް ހެދުމަށްފަހު ސައިބާ އިންސިޑެންޓް ރެސްޕޮންސް ޓީމެއް ގާއިމު ކުރުމާއި، މި ދާއިރާއަށް މީހުން ބިނާކުރުން ވެސް ހިމެނޭ." ރައީސް ވިދާޅުވި އެވެ.