Last Updated: July 8, 21:12
Thursday, July 9, 2026
ދުނިޔެ

ނައިޖީރިއާގެ މިސްކިތެއްގައި ބޮމެއް ގޮއްވާލައިފި

ނައިޖީރިއާގެ މިސްކިތެއްގައި ބޮމެއް ގޮއްވައިލުމާ ގުޅިގެން ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މަޢްރިބް ނަމާދުގެ ވަގުތު މި ހާދިސާ ހިނގާފައި ވަނީ ބޯނޯ ސްޓޭޓްގެ ވެރިރަށް، މައިދުގުރީ ސިޓީގަ އެވެ. އެގޮތުން މިސްކިތުގެ ތެރޭގައި ބޮމެއް ގޮއްވުމާ ގުޅިގެން 10 ވަރަކަށް މީހުން މަރުވެ، 30 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވެ އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިސްކިތުގައި ބޮމެއް ގޮއްވާފައި ވަނީ މިސްކިތުގެ ތެރޭގައި ބޮމެއް ހަރުކޮށްގެންނެވެ. ނަމަވެސް މަންޒަރު ދުށް ބައެއް މީހުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ މިސްކިތުގައި ގޮއްވާލާފައި ވަނީ ޖާނުން ފިދާވެގެން ކަމަށެވެ.

މި ހާދިސާގެ ތަހުގީގު ފުލުހުން މިހާރު ފަށާފައިވާ އިރު، މި ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން ނަގައިފައެއް ނުވެ އެވެ.

"މިހާތަނަށް ބެލި ބެލުމުން މި މި ހަމަލާ އަކީ ޖާނުން ފިދާވުމުގެ ހަމަލާއެއް ކަމަށް ބެލެވޭ." ބޯނޯ ސްޓޭޓްގެ ފުލުހުންގެ ކޮމާންޑްގެ ތަރުޖަމާނު ނަހުމް ދާސޯ ވިދާޅުވި އެވެ.

ނަމަވެސް ބޮން ގޮއްވާލި މިސްކިތް ހުރި ސަރަހައްދަކީ ބޯކޯ ހަރާމް ޖަމާއަތުގެ ނުފޫޒު ގަދަ ތަނެކެވެ. އެތަނުގައި 2009 އިން ފެށިގެން އެ ޖަމާއަތުން ހަރަކާތްތެރިވަމުން ގެންދެ އެވެ.