Last Updated: July 6, 03:26
Monday, July 6, 2026
ޚަބަރު

މުސާރަތައް އެއްފަހަރާ ބޮޑު ނުކުރަން އެމްއެމްއޭއިން ލަފާ ދީފި

ސަރުކާރު މުވައްޒަފުންގެ މުސާރަ އެއްފަހަރާ ބޮޑު ނުކުކޮށް އެކި ފަހަރު މަތިން ބަހާލައިގެން މުސާރަ ބޮޑު ކުރުމަށް ފެންނަކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފި އެވެ،

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގައި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ، އަންނަ އަހަރު އެންމެ ބޮޑު ގޮންޖެހުމަކީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުން ކަމަށެވެ. އަދި މުސާރަ ބޮޑު ކުރާނަމަ ބޮޑުކުރުމުގެ ކަންކަން ބަހާލައިގެން ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ގަވަރުނަރު ވިދާޅުވީ ވަރަށް ކުރީއްސުރެ ވެސް ޕޭ ހާމަނައިޒޭޝަންގެ ތެރެއިން އެކަން ކުރަން މަސައްކަތްތައް ކުރެވިގެން އަންނަނީ މިއަންނަ އަހަރަށް ނިންމުމަށް ކަމަށެވެ. އެހެން ނަމަވެސް، ބަޖެޓުގައި އެހާ ބޮޑު އިންސައްތައެއް، އިތުރު ވެގެންދާއިރު އެންމެ މުހިންމު ލަފައަކަށް ދީފައި ވާނީ މުސާރަތަށް ބަހާލައިގެން ކުރިއަށް ގެންދިއުން ކަމަށް ގަވަރުނަރު ވިދާޅުވި އެވެ. އަދި އެއްފަހަރާ ހުރިހާ މުސާރައެއް ބޮޑުކުރެވިގެން ދިއުމުން އޭގެ ޕްރެޝަރު އައުން އެކަށީގެންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގަވަރުނަރު ވިދާޅުވީ އެ ބަދަލާއެކު، ފޮރިން އެކްސްޗޭންޖް މާކެޓުގައި މިހާރު އޮތް ޕްރެޝަރަށް އިތުރު ޕްރެޝަރެއް އައިސްދާނެ ކަމަށާއި އެކަން އެގޮތަށް ވިޔަ ނުދިނުމަށް، ކަންކަން ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ގަވަނަރު ވިދާޅުވީ މިވަގުތު ބޭރު ފައިސާ ލިބެނީ ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ތެރެއިން ލިބޭ ޑޮލަރާއި ޓެކްހާއި އެ ނޫން އާމްދަނީގެ ގޮތުގައި ލިބޭ ޑޮލަރުން ކަމަށާއި މިދިޔަ އަހަރުތަކުގައި ވެސް ރާއްޖެއިން ބޭރުން ލޯނު ހޯދުމަށް ދަތިތައް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ސަބަބުތަކާ ހެދި އެމްއެމްއޭއިން ބޭނުންވާ މިންވަރަށް ބޭރު ފައިސާގެ ކަންކަން ހަމައަކަށް އަޅުވަން އުނދަގޫ ކަމަށް ގަވަނަރު ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވީ އޯޕަން މާކެޓް އޮޕަރޭޝަން މިހާރު ވެސް ކުރިއަށް ގެންދާ ކަމަށާއި މޮނިޓަރީ ސިޔާސަތުގެ ތެރެއިން އެ ޕްރެޝަރުތައް ކުޑަ ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އެމްއެމްއޭ އިން ދިން ލަފާގައި ބުނެފައިވަނީ އަންނަ އަހަރު މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ނިންމާފައި އޮތުމުން އެންމެ ބޮޑަށް އިތުރުވާނީ މުވައްޒަފުންގެ މުސާރައިގެ ހޭދަ ކަމަށެވެ. އަދި މުސާރައާ ހެދި ރިކަރަންޓް ހަރަދު އިތުރުވާތީ، ބަޖެޓް ފައިނޭންސިން ހޯދަންޖެހޭ މިންވަރު އިތުރުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ
.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައި ނުވާ ސިވިލް ސާވިސް ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މިއަހަރު ނޮވެމްބަރު 1 ގައި ހާމަނައިޒް ކުރެވި، މުސާރަ ބޮޑުވެގެންދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މިއަހަރުގެ ރިޔާސީ ބަޔާނުގައި މި ފަރާތްތަކުގެ މުސާރަ މިއަހަރު ބޮޑުވެގެންދާނެ ކަމަށް ވާނީ ދަންނަވާފައި ކަމަށާއި އަދި ކުރިން ވެސް ދަންނަވާފައިވާ ފަދައިން، މިއަހަރު މުސާރަ ބޮޑު ނުވާ ހުރިހާ މުއައްސަސާތަކެއްގެ ހުރިހާ މުވައްޒަފުންގެ މުސާރަ 2026 ގައި ބޮޑުވެގެންދާނެ ކަމަށެވެ.