Last Updated: June 6, 14:55
Saturday, June 6, 2026
މުނިފޫހިފިލުވުން

'ވެލްކަމް ޓު ދަ ޖަންގަލް' ގެ ޝޫޓިން ނިންމާލައިފި

ވަރަށް ބޮޑު ކާސްޓަކާ އެކު އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ ބޮލީވުޑްގެ ފިިލްމު 'ވެލްކަމް ޓު ދަ ޖަންގަލް' ގެ ޝޫޓިން ނިންމާލައިފި އެވެ.

މި ފިލްމުގެ ބައެއް ކާސްޓުން މިއަދު މި ވާހަކަ ކުޑަވަރެއްގެ ޓީޒާކޮޅަކާ އެކު ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައިވެ އެވެ. އެގޮތުން އަކްޝޭ ކުމާރު އާންމުކުރި ޕޯސްޓެއްގައި 'ވެލްކަމް ޓު ދަ ޖަންގަލް' ނިންމައިލި ވާހަކަ ހިއްސާކޮށް ބުނީ، އޭނަ މިހާތަނަށް މިހާ ބޮޑު ކާސްޓެއް ހިމެނޭ ފިލްމެއްގައި މަސައްކަތް ނުކުރާ ކަމަށެވެ. އަދި އޭނައެކޭ އެއްގޮށް މިއީ މި ފިލްމުގައި އުޅޭ އެހެން ކާސްޓުންނަށް ވެސް އާ ތަޖުރިބާއެއް ކަމަށް ބުންޏެވެ.

ސިނަމާތަކަށް ގެންނާނެ ތާރީހެއް އަދި އިއުލާން ނުކުރާ 'ވެލްކަމް ޓު ދަ ޖަންގަލް' ގެ ކާސްޓްގައި އަކްޝޭ، ސުނިލް ޝެޓީ، ރަވީނާ ޓަންޑަން، ސަންޖޭ ދަތު، ޑިޝާ ޕަޓާނީ، އަފްތާބް ޝިވްދަސާނީ، ޖެކްލީން ފެނާންޑޭޒް، ތުޝާރް ކަޕޫރް، އަރުޝަދު ވަރްސީ، މަނޫޝީ ޗިލާރް، ރަންދީޕް ހޫޑާ، ލާރާ ދައްތާ، ޝްރެޔަސް ތަލްޕަޅޭ، ޝާރިބް ހާޝީމީ، ޕަރޭޝް ރާވަލް، ސުޕްރިޔާ ކަރްނިކް، ރާޖްޕަލް ޔާދަވް، ޖޯނީ ލީވާ، ފަރީދާ ޖަލާލް، ޕުނީތު އިސާރް އަދި މަނޯޖް ޕަހްވާ ހިމެނެ އެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ މަޝްހޫރު ކޮރިއޮގްރާފަރު އަހުމަދު ޚާނެވެ. އޭނަގެ އެންމެ ފަހުގެ ޑައިރެކްޝަނަކީ ޓައިގާ ޝްރޮފްގެ 2022 ގެ "ހީރޯޕަންތީ 2" އެވެ. އަހުމަދަކީ ޓައިގާގެ "ބާގީ" ގެ ދެވަނަ ބަޔާއި ތިން ވަނަ ބައިގެ ވެސް ޑައިރެކްޓަރެވެ.

'ވެލްކަމް ޓު ދަ ޖަންގަލް' އަކީ ފީރޯޒް ނަދިއަދުވާލާ ޕްރޮޑިއުސްކޮށް ގެނެސްދޭ "ވެލްކަމް" ފްރެންޗައިޒްގެ ތިން ވަނަ ބައެވެ. މީގެ ފުރަތަމަ ބައި ގެނެސްދިނީ 2007 ގަ އެވެ. އަދި ދެވަނަ ބައި "ވެލްކަމް ބެކް" ގެނެސްދިނީ 2015 ގަ އެވެ.

އެ ދެ ފިލްމުގެ ޑައިރެކްޓަރަކީ އަނީސް ބަޒްމީ އެވެ.