Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

13 އަހަރުގެ ކުއްޖާ މަރާލުމުން 12 އަހަރަށް ޖަލަށް

މީގެ އަހަރު ހަތަރު ކުރިން ހުޅުމާލޭގައި އަހަރު އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށް މަރާލައި ފޮއްޓަކަށްލައި މޫދަށް އެއްލިއެ މައްސަލައާ ދައުވާކުރި އޭރު އުމުރުން 17 އަހަރުގެ ކުއްޖާގެ މައްސަލަ ނިންމައި ހުކުމްކޮށްފިއެވެ.

އެގޮތުން މިއަދު ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި ޖޫން 22، 2021 ގެ ދަންވަރު 02:00 ހާއިރު، ހުޅުމާލެ ފޭސް 2 ގެ ފަޅުތެރޭ މޫދުގައި އޮތް ލަގެޖް ފޮއްޓެއްގެ ތެރެއިން 13 އަހަރުގެ ކުޑަކުއްޖެއްގެ ހަށިގަނޑު ފެނުނު މައްސަލާގައި، ދައުވާކުރި 17 އަހަރުގެ ކުޑަކުއްޖެއްގެ މައްޗަށް އެ އޮފީހުން ޖުވެނައިލް ކޯޓަށް ހުށަހެޅި ޤަޞްދުގައި މީހަކު މެރުމާއި، ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދަޢުވާތައް ސާބިތުވާކަމަށް އެކޯޓުން އަންގާރަ ދުވަހު ހުކުމްކޮށްފައިވެ އެވެ.

އެގޮތުން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ އަދަބެއްގެ ގޮތުން 16 އަހަރާއި 10 މަހާއި 7 ދުވަހަށް ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ބަންދު ކުރަން ހުކުމްކޮށްފައިވެ އެވެ. ޙުކުމް ކުރުމުގެ ކުރިން ބަންދުގައި ހޭދަކުރި 4 އަހަރާއި 6 މަހާއި 2 ދުވަސް އުނިކުރުމ ތަންފީޒު ކުރަންޖެހޭ މުއްދަތަކީ 12 އަހަރާ 4 މަހާއި 5 ދުވަހެވެ.

މީގެ އިތުރުން ކައްފާރާއެއްގެ ގޮތުން ވިދިވިދިގެން ދެ މަސް ދުވަހު ރޯދަ ހިފުމަށް ވެސް އަމުރުކޮށްފައިވެ އެވެ.

މި މައްސަލާގައި އިތުރު ބޮޑު މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އެކޯޓުން ޙުކުމެއް ކުރުމުން މަރުގެ ދިޔައާ މެދު ގޮތެއް ކަނޑައެޅުމަށްޓަކައި ޖުވެނައިލް ކޯޓަށް ހުށަހެޅުމަށް އެންގެވި ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

އެގޮތުން ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ކުށުގެ އަދަބެއްގެ ގޮތުން 11 މަހާއި 9 ދުވަހަށް ޖުވެނައިލް ޑިޓެންޝަން ސެންޓަރެއްގައި ބަންދުކުރުމަށް އަމުރުކޮށްފަ އެވެ. އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ އަދަބެއްގެ ގޮތުން 18 ދުވަހަށް ޖުވެނައިލް ޑިޓެންޝަން ސެންޓަރެއްގައި ބަންދު ކުރުމަށް ވެސް އަމުރުކޮށްފައިވެ އެވެ.

އުމުރުން 13 އަހަރުގެ ކުއްޖާ ރަހީނު ކުރި މައްސަލަ ފުލުހުންނަށް ހުށަހެޅީ ޖޫން 20، 2021 ގައެވެ. އެ ކުއްޖާ ހޯދަމުންދަ ނިކޮށް މަރާލާފައި އޮއްވާ ފެނުނީ ޖެހިގެން އައި ދުވަހުގެ ރޭ ދަންވަރު 2:38 ހާއިރުގަ އެވެ.