ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޙާލިދާ ޒިއާގެ ދަރިފުޅު ތާރީގް ރަހުމާން ގައުމުން ބޭރަށް އަރުވާލެވިގެން ހުންނަވާތާ 17 އަހަރު ފަހުން އެނބުރި މިއަދު ގައުމަށް ވަޑައިގެންފި އެވެ.
ލަންޑަންގައި ދިރިއުޅުއްވަމުން ގެންދެވި ރަހުމާން، 60، އަކީ ހާލިދާގެ ޕާޓީ، ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ ބީއެމްޕީ) ގެ އެކްޓިން ޗެއާމަން ވެސް މެ އެވެ. އޭނަ ގިނަ އަހަރުތަކެއް ފަހުން ގައުމަށް އެނބުރި ވަޑައިގެންނެވި އިރު، މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން މަންމާފުޅު އޮންނެވީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފަ އެވެ.
މިދިޔަ މަހުގެ 23 އިން ފެށިގެން ހާލިދާ، 80، އަށް ފަރުވާ ދެމުން އަންނަނީ އެވަކެއާ ހޮސްޕިޓަލްގަ އެވެ.
މީޑިއާތަކުން ބުނީ ރަހުމާން މިއަދު ޑާކާ އަށް އެނބުރިވަޑައިގަތީ އަނބިކަނބަލުން ޑރ. ޒުބައިދާ ރަހްމާނާއި ދަރިކަނބަލުން ޒައިމާ ރަހްމާނާ އެކީގައި ކަމަށެވެ. ރަހުމާނަށް މަރުހަބާ ކިޔަން ޕާޓީގެ އިސް ލީޑަރުންނާއި ޕާޓީގެ ވަރަށް ގިނަ އަދަދެއްގެ އާންމު މެންބަރުން ހަޒްރަތު ޝާހްޖަލާލު އިންޓަނޭޝަނަލް އެއާޕޯޓް ސަރަހައްދަށް ޖަމާ ވެސް ވި އެވެ.
ރަހުމާން އެނބުރި ވަޑައިގަތުމާ ގުޅިގެން އެކަމުގެ އުފަލުގައި ބީއެންޕީން މިއަދު އެއްވުމެއް ވެސް ބާއްވަން ހަމަޖެހިފައިވެ އެވެ. އޭގައި އޭނަ ސަޕޯޓަރުންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވާނެ އެވެ.
ރަހުމާން އެނބުރި ގައުމަށް ވަޑައިގެންނެވި އިރު، ބަންގްލަދޭޝްގެ ސިޔާސީ މަސްރަހު އޮތީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގަ އެވެ.
އެ ގައުމު އާންމު އިންތިހާބު އަންނަ އަހަރުގެ ފެބްރުއަރީގައި 12 ގައި ބާއްވަން އޮތީ އިއުލާންކޮށްފަ އެވެ.